06 Jun 2012, 10:56
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ހިލާފަށް އިއްޔެ ވޯޓް ދެއްވި އެ ޕާޓީގެ މަޖިލިސް ތިން މެންބަރުންގެ މައްސަލަ ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުވުމަށް ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު އޮތްތޯ ބަލަން އިއްޔެ ނެގި ވޯޓްގައި ޕާޓީގެ ވިޕްލައިނާ ހިލާފުވެފައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވަނީ ވޯޓް ދެއްވާފަ އެވެ.
އިބޫ ވިދާޅުވީ އެ ބޭފުޅުން ޝާހިދާ އެއްކޮޅަށް ވޯޓް ދެއްވީ ކީއްވެގެން ޕާލަމެންޓްރީ ގްރޫޕުން ސާފު ކުރާނެ ކަމަށާއި އެ މެންބަރުންނަށް ފިޔަވަޅަން ފެންނަ ނަމަ އެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުއްވާނެ ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ސާފު ކުރާނަން ކީއްވެގެން އެގޮތަށް ވޯޓް ދެއްވީ. އެއަށްފަހު ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމައި، ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުވާނީ،" 32 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މަޖިލީހުގެ ފުރަތަމަ ދައުރުގައި ރައީސް ވަހީދުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ބައިވެރިވި އެމްޑީޕީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ މެންބަރު އަދި މީހާރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދާމެދު ފިޔަވަޅު އެޅުމުގެ މަރުހަލާތަކެއް ޕާޓީން ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ޕާޓީން ވަކިވެވަޑައިގަތީ ކަމުގައި ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީލައިން ވިޕާ ހިލާފަށް ވޯޓް ދެއްވި ތިން މެންބަރުންގެ ތެރެއިން އަހުމަދު ރަޝީދާއި ހުސައިން ވަހީދު ވޯޓް ދެއްވީ ހަމަ ހިތުން ރުހުމުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން އަޅާފާނެ ފިޔަވަޅަކާމެދު ޖެހިލުންވޭތޯ ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ކޮންމެ މީހަކަށްމެ، ބޭނުންވާ ޕާޓީއެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮތް އިރު، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުއްޓަސް ބޭނުން ކޮޅަކަށް ވޯޓް ދިނުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ. އަދި ޕާޓީން ތްރީލައިން ވިޕެއް ނެރުނަސް ޝާހިދާ އެއްކޮޅަށް އަބަދުވެސް ވޯޓް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.