ސިއްޙީ ސަބަބަކާ ހުރެ ހައުސިން ކޮމިޓީން އަނީސާ އަޙުމަދު އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮމިޓީން އިސްތިއުފާ ދެއްވި ސަބަބު "ސަން"އަށް ހިއްސާކުރައްވަމުން އަނީސާ ވިދާޅުވީ އިސްތިއުފާ ދެއްވެވީ ސިއްޙީ ސަަބަބަކާ ހުރެ ކަމަށެވެ.

އަދި އެހެންވެ ކޮމިޓީގެ ބައްދަލުވުންތަކުގައ ބައިވެރިވުމަށް އުޒުރުވެރިވެލައްވާތީ ކަމަށެވެ.

"ކޮމިޓީއަށް ނުދެވޭ، މަސައްކަތުގައި ބައިވެރިނުވެވޭއިރު، ނަމުގައި ކޮމިޓީގައި ހުންނަން ޒަމީރު ތަނެއް ނުދޭ،" "ސަން" އަނީސާ ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ" ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ރައީސް ޑރ މުއިއްޒު އެކުލަވާލި ހައުސިން ކޮމިޓީއިން އަނީސާ މަގާމުން ވަކިވެވަޑައިގަތީ ކޮމިޓީއަށް މަސައްކަތްކުރާތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އަނީސާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އިސް މަގާމުތަކުގައި ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައެވެ.

އެގޮތުން ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ވެސް އަނީސާ ވަނީ ކުރައްވައިފައެވެ.