06 Jun 2012, 09:35
ވޮޝިންޓަން (ޖޫން 6):އަލްޤާޢިދާ ޖަމާޢަތުގެ ދެވަނަ އަށް އެންމެ އިސްމަސްއޫލުވެރިޔާ އަބޫޔަޙްޔާ އައްލީބީ އަވަހާރަކޮށްލެވިއްޖެ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި އަބޫޔަޙްޔާ އަވަހާރަވެފައި ވަނީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓަކުން އޭނާ އަށް އަމާޒުކޮށް ޕާކިސްތާނުގެ ވަޒީރުސްތާނަށް އިއްޔެދިން ރޮކެޓް ޙަމަލާއެއްގަ އެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއަކު ވެސް މިކަން ހާމަކުރައްވަ އެވެ. އޭނާ މިކަން ހާމަކުރެއްވީ އަލްޤާޢިދާގެ އިސްމީހަކު އަވަހާރަވެއްޖެ ކަމަށް ބުނެ އެ ޖަމާއަތުގެ ދެ މީހަކު އިއްޔެ ފޯނުން ދައްކާފައިވާ ވަހަކަތަކެއް ސިއްރުން އަޑުއެހުމަށް ފަހު އެއީ އަބޫޔަޙްޔާ ކަމަށް ބަލައިގެން ކަމަށް ރޮއިޓާސް ބުނެއެވެ.
ޕާކިސްތާނުގެ އެހެން މަސްއޫލުވެރިއަކު ވަނީ އެމެރިކާގެ ޙަމަލާގައި އަބޫޔަޙްޔާ ވަރަށް ބޮޑަށް ޒަޚަމްވެގެން ހޮސްޕިޓަލަކަށް ގެންދެވުނު ކަމަށާއި އޭނާ އަވަހާރަވީ ހޮސްޕިޓަލުގައިކަން ފަހުން ކަށަވަރުކޮށްދީފަ އެވެ. އަބޫޔަޙްޔާ އަވަހާރަކޮށްލި ކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް އަދި ދަލީލެއް އެމެރިކާއަށް ދެއްކިފައެއްނުވެ އެވެ. އަދި އަލްޤާއިދާއާއި މުސްތަޤިއްލު ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ވެސް ނުވެ އެވެ.
އަބޫޔަޙްޔާ އަކީ ކެމިސްޓްރީގެ ދާއިރާ އިން މަތީ ތަޢްލީމް ޙާސިލްކޮށްފައިވާ އަދި އިސްލާމީ ތަޢްލީމް ވެސް ޙާސިލްކުރައްވައިގެން ހުންނެވި ލީބިޔާގެ ދީނީ ޢިލްމުވެރިއެކެވެ. އުމުރުން 48 އަހަރުގެ އަބޫޔަޙްޔާގެ އަސްލު ނަމަކީ މުޙައްމަދު ހަސަން އެވެ. އޭނާ އަލްޤާޢިދާއާ ގުޅިވަޑައިގެންފައިވާ ކަމަށް ބެލެވިފައި ވަނީ އެޖަމާއަތް އުފެދުމުގެ ތެރޭގައެވެ. އަލްޤާޢިދާގެ ލީޑަރު އުސާމާ ބިންލާދިން އަވަހާރަ ވުމަށް ފަހު އެޖަމާއަތުގެ ލީޑަރަކީ މިސްރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު އައިމަން އައްޒަވާހިރީ އެވެ. ދެވަނަ މަސްއޫލުވެރިއަކީ އަބޫޔަޙްޔާއައްލީބީ އެވެ.
ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ މަތިންދާބޯޓުތަކުން އަލްޤާއިދާއާއި ތާލިބާން ހަނގުރާމަވެރިން މެރުމުގެ ނިޔަތުގައި ޕާކިސްތާނުގެ ވަޒީރުސްތާނަށް ދެމުންގެންދާ ޙަމަލާތަކަކީ ޓެރަރިސްޓް ޙަމަލާތައްކަމަށް ބެލެވިދާނެ ކަމަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ތަޖްރިބާކާރުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. މި ހަމަލާތައް ދެމުންގެން ދަނީ ހަނގުރާމައިގެ މައިދާނުގައި ދެވޭ ޙަމަލާތަކެއްގެ ބަދަލުގައި ވަކިވަކިފަރުދުން މެރުމަށް ކަމަށްވެފައި މިފަދަ ޙަމަލާތަކުގައި ޕާކިސްތާނުގެ ކުށެއްނެތް ޢާންމުން ވެސް ގިނަ ޢަދަދަކަށް މަރުވަމުންދާތީ މިއީ ހަނގުރާމައިގެ ޖަރީމާކަމަށް ވެސް ބެލެވޭނެ ޖާގައެބައޮތް ކަމަށް ވެސް ބައިނަލްއަޤްވާމީ ޤާނޫނުގެ މާހިރުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާޢަތްތަކުން ބުނެ އެވެ.
ޕާކިސްތާނުން ވެސް ވަނީ މިޙަމަލާތައް ހުއްޓާލުމަށާއި މިއީ ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ސިފަކޮށް އެމެރިކާ އަށް އިޙްތިޖާޖްކޮށްފަ އެވެ. އިއްޔެގެ ޙަމަލާއާ ގުޅިގެން ޕާކިސްތާނުގެ ޚާރިޖިއްޔާއިން ވަނީ އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރު އެވުޒާރާއަށް ޙާޒިރުކޮށް އެމެރިކާ ސަރުކާރަށް ފޮނުވުމަށްޓަކައި އިޙްތިޖާޖްގެ ބަޔާނެއް އޭނާއާ ޙަވާލުކޮށްފަ އެވެ. (ރޮއިޓާސް)