06 Jun 2012, 09:24
ނިއުދިއްލީ (ޖޫން 6) :އެމެރިކާގެ ދިފާއީ ވަޒީރު ލިއޮން ޕެނެޓާ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފި އެވެ.
ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ޕެނެޓާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝިވް ޝަންކަރު މެނޮންއާ ބޮޑުވަޒީރު މަންމޯހަން ސިންގް އާ އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުންޕެނެޓާ، އިންޑިޔާގެ ދިފާޢީ ވަޒީރު އޭކޭ އެންތަނީ އާއި ސިފައިންގެ ވެރިޔާ ޖަނަރަލް ބިކްރަމް ސިންގްއާ މިއަދު ބައްދަލުކުރައްވާނެ ކަމަށް ވެސް ޚަބަރު ލިބެ އެވެ.
ޕެނެޓާގެ މިދަތުރުފުޅުގެ މަޤްސަދަކީ ޗައިނާއާ ދެކޮޅަށް އިންޑިޔާ ނެރުމަށް އެމެރިކާ ގެންގުޅެން ފަށާފައިވާ ސްްޓްރެޓެޖީ ތަންފީޒުކުރުމުގައި އިންޑިޔާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުން ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އިންޑިޔާއަކީ ދުނިޔޭގެ ބޮޑުބާރަކަށް ވުމުގެ ކެރިފޯރުން ހުރި ޤައުމަކަށް ވާތީ ޗައިނާއާ ދެކޮޅަށް އެމެރިކާ ބޭނުންކުރާ ހަތިޔާރަކަށް އިންޑިޔާ ހެދުމުގައި އެމެރިކާ އަށް ކާމިޔާބު ލިބުން ދުރުކަމަށް މުޙައްލިލުން ވިދާޅުވެ އެވެ.
ޗައިނާއަކީ އިޤްތިސާދީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން އެމެރިކާއާ އެންމެ ބޮޑަށް ވާދަކުރަމުންދާ ޤައުމެވެ. ޗައިނާގެ ދިފާޢީ ބަޖެޓް ބޮޑުކުރަމުން ގެންދާތީ އާއި އިޤްތިސާދީ ގޮތުންނާއި ޢަސްކަރީ އުފެއްދުންތެރިކަމުގެ ގޮތުން ޗައިނާގެ ހަލުއިކަމާ އެކު ކުރިއަރަމުންދާތީ އެމެރިކާ ދަނީ އެކިގޮތްގޮތަށް ކަންބޮޑުވާކަން ހާމަކުރަމުންނެވެ.
ޕެނެޓާ ދާދިފަހުން ވަނީ2017 އާ ހަމައަށްދާ އިރު އޭޝިއާޕެސެފިކް ސަރަހައްދަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގެ60 ޕަސެންޓް ޖަމާކުރުމަށް ރާވާފައިވާ ޕްލޭނެއް އިޢްލާންކުރައްވާފަ އެވެ. އެ ޢިއްލާނާ ގުޅިގެން ޗައިނާ ވަނީ ކަންބޮޑުވުން ފާޅުކޮށް ދެކުނު ޗައިނާ ކަނޑުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލެއް ނުހިންގުމަށް އެމެރިކާ އަށް އިލްތިމާސްކޮށްފަ އެވެ.(އަލްޖަޒީރާ)