06 Jun 2012, 09:23
އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެއް އަމާޒުވެގެން، ހަށިގަނޑުގެ އެގާރަ ތަނަކަށް ވަޅި ހަރައި އަނިޔާވެރިގޮތަކަށް މަރާލި ގ. ވޭރު، އަބްދުލް މުހީތު (ބޮބީ)ގެ އާއިލާއިން އޭނާގެ ހަނދާނުގައި، ގިނަ އަދަދެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ސުކޫތެއް ގެނައުމަށް ނިންމައިފި އެވެ.
ބޮބީގެ އާއިލާ އިން އިސްނަގައިގެން ސުކޫތެއް ގެނައުމަށް ބާއްވާ އެއްވުން އޮންނާނީ މާދަމާ މެންދުރު 12:30ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ކަމަށް އާއިލާ އިން ބުންޏެވެ. ބޮބީ މަރާލި ސަރަހައްދުގައި ދިހަ މިނިޓަށް ކުރިއަށް ގެންދާ އެ ސްކޫތު ބޭއްވުމަށްޓަކައި ބޮބީގެ އާއިލާއިން ވަނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާށާއި އަމިއްލަ ފަރުދުންނަށް އެ ވަގުތު ކޮޅުގައި ބައިވެރިވުމަށް ގޮވާލާފަ އެވެ. އަދި ބޮބީގެ މަރާ ދެކޮޅަށް އުފައްދާފައިވާ ފޭސްބުކްގައި ގްރޫޕް "ޖަސްޓިސް ފޯ ބޮބީ"ގެ 13000 މީހުންނަށް ވެސް ދައުވަތު ދީފައިވެ އެވެ.
ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން އާއިލާ އިން ނިންމާފައި ވަނީ ސުކޫތު ގެނައުމަށް ފިނޭސް މިނިސްޓްރީ ކައިރީގައި ހުންނަ އޭޓީއެމް އިން ފެށިގެން "ސަލްސާ 205"އާ ހަމައަށް އަމީނީ މަގު ބަންދު ކުރުމަށެވެ. އަދި ސްކޫތު ގެންނަ ވަގުތު ފުލުހުންގެ ފަރާތުން ރައްކާތެރިކަން ލިބޭނެ ކަމަށް އާއިލާ އިން ބުންޏެވެ.
ބޮބީގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދައްތަ ބުނީ ރާއްޖޭގައި މިފަދަ އަނިޔާތައް އާއްމުވެ ގިނަވަމުންދާ ކަމީ މިއަދު ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ކަންބޮޑުވުން ފާޅުކުރަން ޖެހޭނެ ކަމެއް ކަމުގަ އެވެ. އަދި މާދަމާ ބޮބީގެ ހަނދާނުގައި ބާއްވާ ހަމަހިމޭން ކަމުގެ ސުކޫތަކީ ބޮބީގެ އާއިލާއާ އަދި ބޮބީ އަށް ހެޔޮއެދޭ ގިނަ އަދަދެއްގެ މީހުންނާ އެކުގައި ބޮބީގެ ހަދާން އާކޮށް ބޮބީއަށް ހެޔޮދުއާ ކުރުމަށްޓަކާ ހާއްސަ ކޮށްލެވޭ މަދު މިނެޓް ކޮޅެކެވެ.
"ކުރިން ގަބޫލެއް ނުކުރަން ކަމަކާނުލައި މީހަކަށް ގެއްލުމެއް ދީފާނެއެކޭ، މީހަކަށް އަނިޔާއެއް ދީފާނެއެކޭ. އެކަމަކު އަޅުގަނޑުމެންގެ ބޮބީ ފަދަ އެކަހަލަ އެއްވެސް ބެކްރައުންޑެއް ނެތް ކުއްޖަކަށް ކުއްލިއަކަށް މިހެން ވީމާ މިހާރު ގަބޫލު ކުރެވޭ އެއްވެސް މީހަކަށް މާލޭގައި ސޭފް ނޫންކަން،" ބޮބީގެ 24 މެންބަރުންގެ އާއިލާއިގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދައްތަ ބުންޏެވެ.
މިއަހަރުފެ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އަނިޔާވެރިކޮށް މަރާލި ބޮބީގެ އާއިލާ އިން ހިމޭން އެއްވުމެއްގައި ސުކޫތެއް ގެނައުމަށް ނިންމާފައިވާ އިރު، މިއަހަރު އެކަނި ވެސް އަނިޔާވެރި ގޮތަކަށް ރާއްޖޭގައި ފަސް މީހަކު މަރާލާފައިވެ އެވެ. ފަހަކަށް އައިސް ރާއްޖޭގައި ގޭންގު ކުށްތަކާއި މާރާމާރީ އާއި ވައްކަމާއި ފޭރުން އިތުރުވަމުންދާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.