06 Jun 2012, 09:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު އޮތްތޯ ބެލުމަށް އިއްޔެ ނެގި ވޯޓްގައި އެމްޑީޕީގެ ވިޕުލައިނާ ހިލާފަށް ވޯޓް ދެއްވީ "ޝާހިދު ވަރެއް ނެތިގެން" ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ އަހުމަދު ރަޝީދާއި ހުސައިން ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
އެ ދެބޭފުޅުން ރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޝާހިދު ފިޔަވައި މަޖިލީހުގެ ރައީސްކަން ކުރެވޭނެ ގާބިލް ބޭފުޅަކު މަޖިލީހުގައި ނެތް ކަމަށެވެ.
~
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ ޝާހިދަކީ ސިޔާސީ ވިސްނުމުން އެއްކިބާވެ ހުންނެވި، ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކު ގަމަށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅޫވީ މަޖިލީހުން ފާސްކުރަން ޖެހޭ ބިލެއް ފާސް ނުކުރެވުމާއި މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ލަސްވުމަކީ މަޖިލީހުގެ މެންބަރުންގެ މައްސަލައެއް ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ޝާހިދު އިސްތަށިފުޅުގައި އަޅުވަން ޖެހޭ ތުހުމަތުތަކެއް ނޫން ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.
"ސިޔާސީ ވިސްނުމުން އެއްކިބާވެ، ވަރަށް ރަނގަޅަށް ގައުމަށް އެހީތެރިކަމެއް، އެއްޗެއް ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ އަދި ވިސްނުންފުޅާއި ހިކުމަތްތެރިކަމާއި ރޭވުންތެރިކަމުގެ ބޭނުން ވެސް ކުރައްވާ ބޭފުޅެއް އަބްދުﷲ ޝާހިދަކީ.. އަނެއް ސަބަބަކީ އެ ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީއްޖާ ވެސް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި،" ރައީސް ވަހީދާއި އެމަނިކުފާނުގެ ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކަށް އެމްޑީޕީގެ ޕޯޑިއަމްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަހުމަދު ރަޝީދު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ޝާހިދުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީން މަޖިލީހަށް ވެއްދި މައްސަލައަކީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތު ބޮޑު މައްސަލައެއް ކަމަށެވެ. ކޮންމެ މީހަކަށްމެ، ބޭނުން ޕާޓީއެއްގައި ހުރުމުގެ އިހްތިޔާރު ލިބިދޭ ގޮތަށް، އިހްތިޔާރު ކުރާ ޕާޓީގައި ހުރެގެން ބޭނުން ގޮތަކަށް ވޯޓް ދިނުމުގެ ހައްގު އޮންނަންވާނެ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް ވޯޓް ދެއްވާނީ އިއްޔެ ވެސް ވޯޓް ދެއްވި ގޮތަށް ޕާޓީއާ ދެކޮޅަށް، ޝާހިދާއެއްކޮޅަށް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވިދާޅުވީ މަޖިލިސް ހަލަބޮލިވެގެން ދިޔަ ދަނޑިވަޅުތަކުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ނިންމެވި ނިންމެވުންތަކަކީ ވަރަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސް ކުރުމަކީ މަޖިލިސް ހަލަބޮލި ކުރުމަށް ކޮށާލެވޭ މަގެއް ކަމަށާއި އެކަން ކުރަން ބޭނުން ނުވާ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
"ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮތީ [ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ދިނުމަށް]. އެހެންވިޔަސް އަޅުގަނޑަށް ހަމަވިސްނުނީ އަދި އަޅުގަނޑުމެންނަށް ރަނގަޅީ ޝާހިދު ރިޔާސަތުގައި އިންނެވިއްޔާއޭ،" ހުސައިން ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕުލައިނާ ހިލާފަށް ވޯޓް ދެއްވުމުން އެ ޕާޓީން އެ ދެމެންބަރުންނާ މެދު އަޅުއްވާނެ ފިޔަވަޅަކާ ބެހޭ ގޮތުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކަށް ގުޅުމުން ވިދާޅުވީ އެކަމުގައި ޖަވާބު ދެއްވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށެވެ. ނަމަވެސް އިބޫ އަށް މިރޭ ތަކުރާރުކޮށް ގުޅި އިރު ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސަލާމަތްވެވަޑައިގަތީ ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުނާ އެކު ޖުމްލަ 45 މެންބަރުން ވޯޓް ދެއްވުމުންނެވެ. އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ 25 މެންބަރުންނެވެ.