05 Jun 2012, 23:39
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ހުރިހާ ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އދ. އިން އަނެއްކާ ވެސް ގޮވާލައިފި އެވެ.
އދ. އިން މިއަދު ނެރުނު ބަޔާނެއްގައި ގޮވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ގޮވާލާ ކަމަށެވެ.
"ދަ ސެކްރެޓަރީ ޖެނެރަލް އަނެއްކާ ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލަނީ ވަގުތުން ސިޔާސީ ވާހަކަތައް ފެއްޓުމަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން. އެއްވެސް ޝަރުތަކާ ނުލައި ވާހަކަ ދައްކައިގެން ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް." ސެކްރެޓަރީ ޖެނެރަލާ ހަވާލާ ދެއްވައި ބަންކީމޫންގެ ތަރުޖަމާން ނެރުއްވި ބަޔާނެއްގައިވެ އެވެ.
އދ. އިން ބުނެފައި ވަނީ ރާއްޖޭގައި އެތައް ދުވަހެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހު އަދި ސަރުކާރާއި މިލިޓަރީ އާއި ފުލުހުންގެ މެދުގައި އުފެދުނު ނުތަނަވަސް ކަމަށް ފަހު އޭރު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ކަމަށެވެ. އަދި އެއަށް ފަހު ރައީސް ކަމާ ހަވާލުވެވަޑައިގަތީ އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ. އެ އަށް ފަހު ސަރުކާރު ބަދަލުވި ގޮތް ބެލުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނެއް ސަރުކާރުން ގާއިމުކޮށްގެން ވެރިކަން ބަދަލުވި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އދ. އިން ވަނީ ބުނެފަ އެވެ. އަދި އެ ކޮމިޝަނަށް އދ. އާއި ކޮމަންވެލްތުން ގާނޫނީ ލަފާދިނުމަށް ނިންމާފައިވާ ކަމަށް ވެސް އދ. އިން ބުންޏެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަނަކީ މިނިވަން އަދި މުސްތިގިއްލު ކޮމިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ދެއްވާ އެއްބާރުލެއްވުން ސެކްރެޓަރީ ޖެނެރަލް ވަނީ ތައުރީފު ކުރައްވައިފަ އެވެ.