ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދިއްދު އަށް ވަޑައިގަތުމާ ދިމާކޮށް ދިއްދޫން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު މާލެގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިރޭ ވިދާޅުވީ އެ ތިން މީހުން މާލެގެނެސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މާލެ ގެނެސްފައިވާ މީހުންނަކީ ދިއްދޫ ކައުންސިލްގެ މެންބަރު އެ ރަށު އޯޓަމްވާދީ، އަބްދުﷲ ވަހީދާއި އެ ރަށު ނޫރާނީ ވިލާ ފަރުހާދު އަބޫބަކުރާއި ފަސީހު އަބޫބަކުރު އެވެ.

ސަން އަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި އެ ތިން މީހުން މާލެ ގެނެސްފައި ވަނީ "ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް" ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ޣައިރުގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެ މީހުންނާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2008 ވަނަ އަހަރު ދިއްދު އަށް ވަޑައިގަތް ދުވަހަކު އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ރައްޔިތުން އެއްވެފައި ވަނިކޮށް އެ ވަގުތު ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންތަކަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައްގަ އެވެ.

އެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފެށޭގޮތް ނުވެފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ މީހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރު ކުރި އެވެ. ނަމަވެސް އެ އިރު ކޯޓުން ބުނެފައި ވަނީ އެ އަމުރާ އެއްގޮތަށް ފުލުހުން އެމީހުން ކޯޓަށް ހާޒިރުކޮށްދީފައި ނުވާ ކަމަށެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ވެސް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަކަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރިނަމަވެސް އެމީހުން ކޯޓަށް ހާޒިރު ނުކުރެވޭތީ އެ ދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
އެ ދުވަހު އެމީހުން ކޯޓަށް ހާޒިރު ނުކުރެވުމުން ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ވަނީ ބަންދުގައި ބަހައްޓައިގެން އެމީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ.