25 Mar 2024, 11:23
"ޚުޝޫއަތް ތެރިކޮށް ނަމާދު ކުރެވޭނީ ދެކަމެއްގައި ހިފަހައްޓައިގެން ކަން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައިވެއެވެ. އެއީ މަރު ހަނދާންކުރުން އަދި މިއީ އެންމެ ފަހުގެ ނަމާދަށް ވެދާނެކަން ހިތަށް އެރުވުވެ."
***
" ޔެސް...." އުރްޖުވާން ގެ މޫނަށް ބަލަން ކެނާންއަށް އުނަދގޫވިއެވެ. މާލެ ބަދަލުވިފަހުން ގެ ކައިރިން އަބަދު ފެންނަމުން ދިޔަ އުރުޖުވާންދެކެ ހިތް ރުހެވުނަސް މިހާރު އެ ނަޒަރުން އުރުޖުވާން އަށް ބެލުމުގެ ހުއްދައެއް އޭނާ އަކަށް ނެތެވެ. ތަޤުދީރުން އެކަން ރޭވިފައިވާ ގޮތަށް ހިތް ރުހެއެވެ. އެކަމަކަށް ހިތް ބުރަކަމެއް ނެތެވެ.
ކެނާން ގެ ހިތުގައި ޖެހި ވިންދުގެ ތަފާތު އުވައިސްއަށް ހާމަ ވި ނަމަވެސް މަދީނާއަށް އެކަމެއް ރޭކާއެއްނުލައެވެ.
މާ ލަސްވެފައި ވުމުން މާދަމާ ހެނދުނުން މާޒްވިލާ އަށް ދިއުމަށް ކެނާން ނިންމިއެވެ. މަދީނާވެސް އިތުރަށް އެއްޗިހި ޕެކް ކޮށްހެދުމަށް ވަގުތު ލިބުމުންނާއި މާޒްވިލާ އަށް ދިޔުމަށް ބޭނުންނުވެފައި ހުރުމުން އެކަމާ އުފާވެފައި ހުރެވުނެވެ. އާދަމްގެ ޚަބަރު ބަލައިލައި އުވެއިސް އެވަގުތު ބޭނުންވީ ކެނާން އާއި މަދީނާގެ ވާހަކަތައް އަޑުއިވިފައެވެ. ޖަހާލި ވިދުވަރެއް ހެން އުވެއިސް އެ ކޮޓަރިން ނިކުމެގެން ދިޔަ ވަގުތު ކޮޓަރީގައި ދިއްލިފައި އިން ބޮކި ނިވިދިއްލުނެވެ.
" އެވީ ކިހިނެއް؟" މަދީނާ ބިރުގެންފައި ދުއްވައިގަނެވުނީ ކެނާން އާއި ދިމާއަށެވެ.
"ކަރަންޓު މައްސަލައެއް ކަންނޭނގެ. ބައި ދަ ވޭއި ހުޝަލް ނުގުޅާތަ؟ގުޅީމަ ފޯނެއްވެސް ނުނަގާ...." ބޮކި ނިވިދިލުނު ނަމަވެސް ކެނާން އަށް އެކަމުން ބިރުވެރި އިހުސާސެއް ނުކުރެވެއެވެ. އަދި ހުޝަލްގެ ޚަބަރެއް ނުވެ ގިނަ ދުވަސް ވާން ފެށުމުން އެ ކަންބޮޑުވުން ފާޅުކުރިއެވެ.
" އާނ ގުޅީން. އެކަމަކު ޖަވާބެއް ނުދޭ. މެސެޖް ކުރީމަ ބަލާފަ އިންކަން ފެނޭ އެކަމު ޖަވާބެއް ނުދޭ...ވެދާނެ ބިޒީކޮށް އުޅެނީ ކަމަށް...." ހުޝަލް އަށް ގުޅާލަމުން މަދީނާ ބުނެލި ނަމަވެސް އެ ކޮޅުން ޖަވާބެއް ލިބޭގޮތެއް ނުވިއެވެ.
ކެނާން ކަންބޮޑުވި ނަމަވެސް މަދީނާ ބުނި ވާހަކަތަކުން ހިތް ހަމަޖައްސާލަން ނަފުސަށް ބާރު އެޅިއެވެ.އެއީ އެކޮޅަށް ވެސް މިހާރު ދަންވެފައި ވުމުން އިތުރަށް ގުޅައި ހެދުމުން ހުޝަލް އަށް އުނދަގޫ ވެދާނެތީއެވެ. މާޒިްމ އަށް ވުރެ ބޮޑަށްވެސް ހުޝަލް އާއި ކެނާންގެ ގުޅުން ވަރުގަދަވާނެއެވެ. އެއީ ދުރުގައި ތިއްބަސް ދުވާލު އެއް ފަހަރު ނަމަވެސް ދެމީހުން ގުޅާލައި ވާހަކަތައް ހިއްސާކުރާކަމެވެ. ނަމަވެސް ފަހަކަށް އައިސް ހުޝަލް އަށް ގުޅޭ ފަހަރުތައް މަދުވެ ނޫނީ އަވަހަށް ފޯނު ބާއްވާކަން ކެނާން އަށް އިހުސާސްކުރެވެއެވެ. މެހެކް އާއި އޮތް ގުޅުން ނިމުމަކަށް އައުމާއި އަދި މަންމަ ގެ ބަލިވުމާއި ކަންތައްތަކުން ހުޝަލް އަށް ނަފަސާނީ ގޮތުން ވަރަށް ބޮޑުވަރު ވިކަން ކެނާން އަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަބަދުވެސް ހުޝަލްގެ ހާލު ބަލުމަށް ކެނާން ފަރުވާބަހައްޓައެވެ.
"ކުޑަބެ.....ކޮން ވިސްނުމެއްގަ؟" ކެނާން ގައިގައި ކޮށްޓާލަމުން މަދީނާ ބުނެލީ މަޖާ ރާގަކަށެވެ. ބޭނުންވީ އަންހެން ކުއްޖެއްގެ ޚިޔާލަކަށް ގެއްލިފައި ހުރީތޯ ނުސީދާކޮށްވިޔަސް އެނގި ދިމާކޮށްލުމަށެވެ.
" އެ ސިއްރެއް....." ކެނާން އަށް މަޖާވިއެވެ. މަދީނާ އެއީ ކޮން ކަމެއްކަން ބަލަން ބޮޑާހާކާނޭކަން އޭނާއަށް އެނގުނެވެ. ވީ ވެސް ހަމަ އެހެންނެވެ. ކުޑަކުއްޖެއްހެން ބޮޑާހާކަންފެށުމުން ކެނާން ގެ ހިތް އުފަލުން ފުރުނެވެ. މަދީނާ ނެތް ނަމަ ކެނާން ގެ ހަޔާތް ކިހާ ފަނޑުވާނެކަން އިހުސާސް ކުރެވުނެވެ. މަދީނާ އުފަލުގައި ހުރުމަކީ ކެނާން ގެ އެންމެ ބޮޑު އެއް އުފަލެވެ.
***
ބޯ ޖަންގަލީ ތެރޭގައި ކުޅެމުން ދިޔަ މިއުޒިކުގެ އަޑާއި ފެންނަމުންދިޔަ މަންޒަރުތައް ބަލަން އުވައިސް ހުރީ ދުރުގައެވެ. ފަކުރުގަންނަ އެއްޗަކަށް ނަޒަރު ހުއްޓާލައިގެން ހުރިފަދައެވެ. ޖިންނީންގެ ދަރުބާރެއްގައި ހުރެ އާދަމް އެ ޖައްސަމުން ދާ ހުތުރު ވައްތަރު ފެނި އެއީ އިންސާނެކޭ ވެސް މީހަކު ނުބުނާނެއެވެ. އާދަމް އާއި އެކީ ނަށަމުން ދިޔަ އިވޯން ގެ ލޮލުގައި އުވެއިސް އަޅައިގަތުމުން ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. ޖިންނި އެއް ކަމަކު އިންސާނެއްގެ ސިފަ ޖެހިގެން ހުރީ ބަލައިލާ މީހެއްގެ ހިތް ކަތިލާފަދަ ރީތި ކަމެއްގައެވެ. ކަޅު ދިގު ފަން އިސްތަށިގަނޑެއް އުނަގަނޑާއި ހިސާބަށް އޮތް އިރު އޮމާން ސާފު ހަންގަނޑެކެވެ. އަނދުން އަޅާ ތޫނުކޮށްފައިވާ ކަޅިރަވައެކެވެ. އުވެއިސް ފެންނާނެކަމުގެ ދިގު އިންތިޒާރު ނިމުމަކަށް އައުމުން ލޯ އުފަލުން ދިއްލުނެވެ. އުވެއިސް އަށް އެ އިވޯންއާއި ހަތަރުކަޅިހަމަވުމާއެކު އަވަހަށް އުދުހިގަންނަން އުޅުނެވެ. އިވޯންއަކީ ބޮޑު ބިރެކެވެ. ނަމަވެސް އިވޯން ގެ އެ ހަލުވި ކަމާއި އުވައިސްއަށް ވާދައެއް ނުކުރެވުނެވެ. އޭނައާއި ކައިރީ ހުރެ ނަށަމުން ދިޔަ އާދަމް މެއްސެއްހެން ފޮޅާލުމަށް ފަހު ވިދުވަރެއްހެން ގޮސް އުވެއިސް ހުއްޓުވިއެވެ. އަތުގައި ހިފުމުން އަތް ފޮޅާލަން އުވެއިސް ބޭނުންވިކަމުގައި ވިޔަސް އިވޯން ގެ ބާރުގަދަ ކަމުން ސަލާމަތް ވުން ފަސޭހަކަމަކަށް ނުވިއެވެ.
"ކީއްވެ ފީކޮއި ކުޅެނީ؟ހިނގާ ޕާޓީ އަށް..." އުވެއިސް އަށް އުނދަގޫ ވާކަން ދެނެހުރެ ނަމަވެސް އީވޯން ބޭނުންވީ ޖެއްސުންކޮށްލުމަށެވެ.
" އަދި ނުކައި މިހިރީ....ކާން ދާން...." އުވެއިސް ގެ ޖުމްލަ ފުރިހަމަ ނުވަނީސް އެ އަތުގައި ހިފައިގެން އުދުހިފައި ދިޔައީ އެ ފޯރިގަނޑުގެ ތެރެއަށެވެ. އަދި ހަމަހޭވެރިކަން ގެއްލިފައިހުރި އާދަމްގެ ކަރުގައި ހިފައި ވައްޓާލުމަށްފަހު ހުރިހާ އެންމެންވެސް އަޑުކެނޑުވުމަށް އަމުރުކުރުވިއެވެ.
"ހިނގާ ދޯ މި މޮޔަގަނޑު ކާލަން....." އާދަމްގެ ގައިމައްޗަށް ފައިން އެރުމަށްފަހު އަމުރުވެރި ގޮތަކަށް ބުނަމުންދިޔައީ ނުލަފާ ހިނިގަނޑަކާއެކީގައެވެ. އެހެނިހެން ޖިންނީންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލަމުން ދިޔައީ އީވޯން އަށް ތަރުހީބުގެ ސަނާތައް ކިޔަމުންނެވެ. އެ ހަރަކާތްތަކުން ހައިރާން ނުވެ ހުރި އުވެއިސް ފޫހި ގޮތަކަށް ފުން ނޭވާއެއް ދޫކޮށްލީ މި ކުޅިވަރުތެރެއިން އަވަހަށް ދިޔުމަށް ދެއްކޭނޭ ބަހަނާއެއް ވިސްނަން ހުރެއެވެ. އަދި އާދަމް އަށް ކުރެވެމުން ދިޔަ އަނިޔާތަކަށް ހެވިފައި ހުރެވުނީ ހެނދުނު ހިނގައިދިޔަ ކަންތައް ހަނދާނަށް ގެނެވުމުންނެވެ.
" އީވް.....ސްޓޮޕް...." ބާރު ވައިރޯޅިއަކާއެކީ ގަސްތަކުގެ ތެރެއިން ނިކުމެގެން އައީ ރޮތްސްވެލް އާއި މުޝްރިކާއެވެ. ރޮތްސްވެލް އަކީ ސްކޮޓްލޭންޑުގެ މަޝްހޫރު އެޑިންބަރަ ކާސަލްގެ ރަސްކަން ކުރާ މަތީ ފެންވަރުގެ ޖިންނީންގެ އާއިލާއަކަށް ނިސްބަތްވާ އިފްރީތެކެވެ.
ނޭވާ ހިފެހެއްޓުމުން ހަބަރު ހުސްވެފައި އޮތް އާދަމް ގެ މޭމަތިން ފައި ނަގައި ބައްޕަ އަށް ސަޖިދަ ޖަހަން އަވަސް ވެގަތުމުން އެހެން ހުރިހާ ޖިންނީންވެސް ބެލީ އިހުތިރާމްކުރުމުގެ ގޮތުން ސަޖިދަ ކުރުމަށެވެ. އުވެއިސް ފިޔަވައެވެ. އުވެއިސް ވިސްނާ ގޮތުންނަމަ އޭނާއަކީ އެއްވެސް މީހަކަށް ސަޖިދަކުރަންޖެހޭ ފެންވަރުގައި ހުރި މީހެއް ނޫނެވެ. އޭނާ އަކީ އެއްވެސް މީހެއްގެ އަޅެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. އުވެއިސްއަށް އޭނާގެ ބައްޕަ ނުރުހުންތެރިކަމާއެކު ލޯ އަލާމުން ދިޔަ ކަމުގެ އިހުސާސް ވި ނަމަވެސް ނުލަފާ ހިނިތުންވުމެއްގައި ހުރީ ރޮތްސްވިލް ކުރިމަތި އެއްވެސް އެއްޗެއް ބުނާން ނުކެރޭނޭ ކަން އެނގޭތީއެވެ.
"ކޮބާ އުވެއިސް؟" ރޮތްސްވިލް ގެ ބަރު އަޑުން އަހާލަމުން އުވެއިސް ހޯދުމަށް ލޯ ހިނގާލިއެވެ.
" މީނދީނު އީވް ކައިރީ......ބްލޫ އައިޑް ބޯއި...." އިވޯން ވަރަށް ފަހުރުވެރިކަމާއެކު އުވެއިސް ގެ އަތުގައި ހިފައި ރޮތްސްވިލް ކައިރިޔަށް ގެންދިޔައެވެ. އުވެއިސް ގެ ރުޅީގެ ސަބަބުން އެ ނޫ ލޮލުގެ ކުލަ ބަދަލުކުރުވަމުން ދިޔަ ކަން އިވޯން އަށް ނޭނގުނު ކަމުގައިވިޔަސް މުޝްރިކާއަށް ފާހނަގަ ވެ އަވަހަށް އުވެއިސް ގެ ގާތަށް ދެވުނެވެ. އަދި އެ ކޮނޑުގައި ބާރު އަތުން ހިފަހައްޓައިލީ އިންޒާރެއް ދޭފަދަ ގޮތަކަށެވެ.
" ހީ ހޭޒް ހިޒް މަދަސް އައިޒް......ހެލްގާ...." ރޮތްސްވިލް އަށް އޭނާގެ ދައްތަ ގެ ހަނދާންތައް އާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.
***
ސްވިސް އެއަގެ ފްލައިޓުގެ ބިޒްނަސް ކްލާހުގެ ފުރިހަމަ ކަމުން އުރުޖުވާން އާޝޯޚުވާވަރުވިއެވެ. ގޮނޑީގައި އިށީންނަންވީ ކިހިނެއްކަމެއްވެސް ނޭގިފައި ހުރެވުނެވެ. ފިނި ބުއިމަކުން މަރުހަބާ ކިޔުމަށް އައި ފިރިހެން ފްލައިޓް އެޓެންޑެންޓްގެ ލޯ އުރުޖުވާން ގެ މޫނުން ވަކިނުވެ ހުރުމުން މާޒިމް ގެ ލޮލުނ ހީވީ އަލިފާން ކަނި ބުރައިގެން ހިނގައިދާނެހެންނެވެ.
"ކީއްވެ މާސްކް ނެގީ؟ފްލައިޓުގައި ވަރަށް ޖަރާސީމު ގިނަވާނެ....މާސްކް އަޅައިގެން ހުރީމަ ބަލިތަކުން ސަލާމަތްވާނީ....." މާޒިމް ބޭނުންވީ އުރުޖުވާންގެ މޫނު ފޮރުވުމަށެވެ. ލަދުން ހުރި އުރުޖުވާން އަށް ތަށީގައި ހިފަން ނުކެރުމުން މާޒިމް ތަށި ހޯދީ އެ ފްލައިޓް އެޓެންޑެންޓަށް ފިނި ބެލުމެއް ދިނުމަށްފަހުއެވެ. އެމީހާ އަށް ވެސް ކުށެއް ކުރެވުނު ކަމުގެ އިހުސާސްވީ އެ ބެލުމުންނެވެ.
" ފްލައިޓް ގަ އޮކްސިޖަން ހުންނާނެތަ؟" އުރުޖުވާން ވަރަށް މައުސޫމުކަމާއެކު އަހައިލި ގޮތުން އޭނަ ބިރުގެންފައި ހުރި ވަރު މާޒިމް އަށް އިހުސާސް ކުރެވުނެވެ. އަދި ފްލައިޓް ނައްޓާލަން އުޅުނު ވަގުތު ގަޔާއި ކައިރިކޮށްލާފައި ލޯ މަރާލުމަށް އެދުނީވެސް އެހެންވެއެވެ.
"ތޭންކްސް..." ލަދުން އިން އުރުޖުވާން ޝުކުރުއަދާކޮށްލިއެވެ. އެ ހިނދުކޮޅު ނިމުމަކަށް ނާންނާނެނަަމައޭ މާޒިމްގެ ހިތަށް އެރިއެވެ. ފްލައިޓް ޒިއުރިކަށް ފޯރާނީ އަދި އެގާރަގަޑި ފަހުންނެވެ. ދިގު އިންތިޒާރެކެވެ.
" ހޭވް އަ ގްރޭޓް ހަނީމޫން...."ފްލައިޓް އެޓެންޑުންތަކެއް އައިސް މާޒިމް އާއި އުރުޖުވާން އަށް މަރުހަބާ ކިޔުމުން މާޒިމް އަށް އެއީ ފަހަދް ގެ ކަމެއްކަން އެނގުނީ ބަނާނާ ކޭކަކަށް ވުމުންނެވެ. ގާތް މީހަކަށް ނޫނީ އެ ފަދަ ކަމެއް ނޭނގޭނެއެވެ. އުރުޖުވާންވެސް އިރުގަނޑެއްވާންދެން ބުނާނެ އެއްޗެއް ނޭގިފައި އިނެވެ.
" ބަނާނާ ކޭކް އެއް ދޯ.....މައި ފޭވް....އެކަމު މާމަ މޭކްސް ދަ ބެސްޓް..." އުރުޖުވާންގެ ލޯ ދިއްލުނެވެ.
" އާނ. ސަބީބީ ގެ ކޭކް ރަހަ ބެލުނު މި ފަހުން...." މާޒިމްގެ ހަނދާނަށް ގެނެވުނެވެ.
" އެއީ އުރޫޖް އެޅި ކޭކެއް. ހަހަހަ. މާމަ ބުންޏޭ މާޒް އަށް މީރު ވާނެ އޭ......" އުރޫޖް ވަރަށް ހެވިފައިއިނދެ ހިއްސާކުރަމުން ދިޔައެވެ. ހިނދުކޮޅަކުން ރޭގަނޑުގެ ކެއުން އިންސާފުކުރެވުނު އިރު މާޒިމް އާއި އުރުޖުވާން ދެމީހުންގެ ކުޑައިރުގެ ވާހަކަތައް ހިއްސާކުރަމުންދިޔައެވެ. އެނގެމުން ދިޔަ ވަރަކަށް ދެމީހުންގެ އެއްގޮތް ކަން ފާހަނގަ ވަމުންދިޔައެވެ.
ވިއްސާރަ ދުވަހެއްކަމުން ފްލައިޓަށް ޓާބިއުލެންސް ގެ އަސަރު ކުރަމުންދިޔައެވެ. ފްލައިޓް ކުޑަކޮށް ހެލިލާ ގޮތަކުންވެސް އުރުޖުވާން އަށް ހަޅޭއްލަވައިގަނެވެއެވެ. އަދި މާޒިމް ގެ އަތަށް ބާރަށް ފިއްތާލެވެއެވެ. އުރުޖުވާންގެ ހަރަކާތްތަކުން މާޒިމްއަށް މަޖާވިއެވެ.
"ރިލެކްސް އުރޫޖް، އެނގޭތަ؟ ޓާބިއުލެންސަކީ ވަރަށް އާއްމުކޮށް ދިމާވާ އަނެއްހެން ނުރައްކަލެއްނޫން. އަނެހެން ބަލަންޏާ ނޯމަލް ޕާޓް އޮފް ފްލައިން، ބަމްޕީ ރައިޑެއް އެކަމަކު އެންމެ ސިވިއަ ޓާބިއުލެންސުންވެސްް އެހާ ގެއްލުން ނުވާހާ ވަރުގަދަކޮށް ފްލައިޓްތައް ހަދާފައިވަނީ..."މާޒިމް ބުނެދެނިކޮށް ބޯޓަށް އެރި ވަރުގަދަ ލޮޅުމަކުން ފަހަތުގައި ތިބި ޒުވާން ކުދިންތަކެއްވެސް ހަޅޭއްލަވައިގަތެވެ. އުރޫޖް ޔަގީންކުރީ ފްލައިޓް ވެއްޓެނީކަމަށެވެ.
" ފްލައިޓެއްގެ މަރުވާން ހާދަ ދެރައޭ...." ލޯ ކަރުނުން ފުރުމާއެކު އުރުޖުވާން އަށް ބުނެލެވުނެވެ. މާޒިމް ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް އުރުޖުވާން ބުނި ގޮތުން ހެވެން ފެށުނެވެ.
" އެއިރުން ކިހާ ސަޅި. ދެމީހުން އެކީ ނު މަރުވާނީ...." މާޒިމް ވަރަށް މަޖާވެފައި ބުނެލި ނަމަވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އުރުޖުވާންގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފެނިއެވެ.
" މަރަކީ ޖޯކެއް ނޫނޭ މާޒިމް....އެހެން ނޫނަސް މަދީނާ ވަރަށް ދެރަވާނެ...." އުރުޖުވާން ހީކުރީ ހަގީގަތުގައިވެސް މިއީ އޭނާގެ ހަޔާތުގެ އެންމެ ފަހު ނޭވާ ކަމުގައެވެ.
" އޯކޭ...އޯކޭ...ސޮރީ.....ސަޕްރައިޒް އެއް ބޭނުން؟" އުރުޖުވާން ހިތުގައި ޖެހިފައި ހުރިކަން އެނގުމުން މާޒިމް ބޭނުންވީ އުރުޖުވާން ގެ މޫނަށް ހިނތުންވުމެއް ވެރިކުރުވުމަށެވެ.
ތުން ފިތާލައިގެން އިން ނަމަވެސް ބޯ ޖަހައިލި އުރުޖުވާން ގެ ލޯ މަތީ މާޒިމް އަތް އަޅާލަމުން އަތު ތެރެޔަށް ލައިދިނީ އެއަ ޕޮޑްސް އެވެ. އަދި އެ ކަންފަތުގައި ޖެހުމަށް އެދުނެވެ.
އުރުޖުވާންގެ ހިތަތް ފިނިކަން ލިބުނީ ޤުރުއާންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ވަގުތުން ބިރު ފިލާ ހިތުގެ ވިންދު ހަމަޔަކަށް އެޅުނެވެ. ﷲއަށް ވަކީލުކޮށް ބިރާއި ކުރިމަތިލާން ހަނދާންވިއެވެ. މާޒިމް ގެ ކަންފަތުގައި އެއް އެއަ ޕޮޑް އިނުމުން ދެމީހުން ވެސް އެކީ ޤުރުއާން އަޑުއަހަމުން ދިޔައެވެ. އުރުޖުވާން މާޒިމްގެ މޫނަށް ހިތް ފުރެންދެން ބަލަހައްޓައިގެން އިނެވެ. ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އުރުޖުވާން ކަޅިޖަހާނުލާ ބަލަން އިނުމުން ރަތުގެ ހުރިހާ ކުލައެއް ވެރިވަމުން ދިޔަ މާޒިމް އަވަހަށް އުރުޖުވާން ގެނެސް މޭގައި ޖައްސައިލިއެވެ.
" ގުޑްނައިޓް....." މާޒިމް ގެ ތުންފަތުގައިވީ ފޮނި ހިނިތުންވުމެކެވެ.
"ފީ އަމާނިއްﷲ...." އުރުޖުވާންގެ ލޯބި އަޑުން ބުނެލީ ﷲ ގެ ރައްކާތެރިކަމުގައި ވުމަށް އެދޭކަމެވެ. މާޒިމްވެސް އެ ލަފުޒުގެ މާނަ އެނގެއެވެ. އޭނަވެސް އެހެން ކިޔައިލީ ހިނިތުންްވަމުންނެވެ.
ދަތުރަށް ތައްޔާރުވާން އަވަދިނެތި އުޅުމުން ރޭގަނޑުގެ ނިދިން މަހުރޫމްވެފައި ތިބުމުން ލޮލަށް ނިދި ސަވާރުވުމަށް މާކަ ގިނަ އިރެއް ނުނެގިއެވެ. ފްލައިޓް ޖައްސަން ކައިރިވުމުން އުރުޖުވާނަށް ސިހިފައި ހޭލެވުނެވެ.
ނުނިމޭ