25 Mar 2024, 09:44
ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ކާބޯތަކެތި ވައްދަން ހުއްދަ ނުދޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ، (ޔޫއެންއާރްޑަބްލިޔުއޭ)އިން ބުނީ ޣައްޒާގެ އުތުރަށް ކާބޯތަކެތީގެ ޓްރަކްތައް ވައްދަން ހުއްދަ ނުދޭނެކަން އިސްރާއީލުން އެ އިދާރާއަށް އަންގައިފައިވާ ކަމަށެވެ.
އެ ކަމާ ގުޅިގެން ޔޫއެންއާރްޑަބްލިޔުއޭގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވީ، އެއީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވުމަށް ގަސްދުގައި ހުރަސް އެޅުން ކަމަށެވެ. އަދި, އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ޔޫއާރްޑަބްލިޔުއޭގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ބައިވެރިވި ކަމަށް އިސްރާއީލުން ތުހުމަތުކުރި ފަހުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެ އިދާއާރަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
އެ ތުހުމަތުތަކާ އެކު އެ އިދާރާއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާއާއި ބައެއް އެހެން ގައުމުތަކުން ވެސް ވަނީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައެވެ. ނަމަވެސް ފަހުން ކެނެޑާ، އޮސްޓްރޭލިއާ އަދި ސްވިޑެން ފަދަ ބައެއް ގައުމުތަކުން ވަނީ އެހީތެރިކަން އަލުން ފޯރުކޮށްދޭން ފަށައިފައެވެ.
ނަސްލު ނައްތައިލުމުގެ މަގްސަދުގައި އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 32،226 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 74،518 އަށް އަރައިފައެވެ.