05 Jun 2012, 22:51
ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުން "ހައި ފައިވް"ގެ ނަމުގައި ޕްރިޕެއިޑް ކަސްޓަމަރުނަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
މިއަދު ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ހައި ފައިވް ޕެކޭޖުގެ ސަބަބުން ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުނަށް އެ ބޭފުޅުން ބޭނުންވާ ފަސް ނަމްބަރަކަށް 25 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
"ދިރާގުން މިއަދު މި ތައާރަފްކުރި ޕެކޭޖުގެ ސަބަބުން ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުނަށް ދިރާގުގެ ނަމްބަރުގެ ތެރެއިން ބޭނުންފުޅުވާ ފަސް ނަންބަރަކަށް ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ،" މިރުޝާން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޕްރޮޖެކްޓް މެނޭޖާ މަރިޔަމް ޝީޒުލީން ވިދާޅުވީ މިޕެކޭޖުގައި އެ ބޭފުޅަކު ބޭނުންވާ ފަސް ނަމްބަރަކަށް ޕީކް ގަޑިތައް ކަމުގައިވާ ހެނދުނު 8 ން ރޭގަނޑު 1 ޖަހަންދެން މިނެޓަކު 74 ލާރީގެ ރޭޓުން ގުޅޭނެ ކަމަށެވެ.
އަދި ވިދާޅުވީ ދިރާގުން މިހާރު ތައާރަފްކޮށްފައިވާ އެހެން ޕެކޭޖުތައް ކަމުގައިވާ "ފުރެންޑްސް އެންޑް ފެމެލީ" ޕެކޭޖާއި "ސުޓެންޑަޑު ޕެކޭޖު" ބޭނުން ކުރައްވާފަރާތްތަކަށް އެ ހިދުމަތް ބޭނުން ނުކުރެއްވޭނެ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެއްވޭނީ ބޭނުންފުޅުވާ އެއް ޕެކޭޖެއް ކަމަށެވެ.
ދިރާގުން ބުނީ އެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރަން ޖެހޭނެ ކަމަށާއި އެ ޕެކޭޖަށް އެދޭ ފޯމް ދިރާގުގެ ވެބްސައިޓުނާއި ދިރާގުގެ ފިހާރަތަކުން ލިބޭނެ ކަމަށެވެ. އަދި އެ ހިދުމަތް ބޭނުންކުރަމުންދާ އިރު ޑިސްކައުންޓަށް އެދޭ ނަމްބަރު ބަދަލު ކުރަން ބޭނުންވާ ނަމަ އެއް މަސް ދުވަހުގެ ތެރޭގައި އެސްއެމްއެސް އަކުން އެކަންވާނެ ކަމަށް ދިރާގުން ބުނެ އެވެ.