14 Aug 2010, 09:51
14:53
ގީބަބުނުމާއި މީހުންނަށް އެއްޗެހި ގޮވުމަކީ، އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމަކަށް ވިޔަސް ރާއްޖޭގެ މާލަންތަކުގައި އެކަން ކުރަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މައުނޫނު ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ދުލަކީ އެމީހަކު ބޭނުން ގޮތަކަށް ބޭނުންކުރަން ދެއްވާފައިވާ ނިއުމަތެއް ނޫން ކަމަށެވެ. އަދި މާތް ﷲގެ ފޮތުގަޔާއި ކީރިތި ރަސޫލާގެ ސުންނަތުގައި އިރުޝާދުތަކެއް ދެއްވާފައިވާ ކަމަށާއި، އަޅުގަޑުމެންނަށް މަނާ ކަންތައްތަކެއްވާ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ކަންތައްތަކަކީ މިއަދު ދިވެހި މުޖުތަމައުގެ މާލަންތަކުގަޔާއި ފާލަންތަކުގައި ކުރަމުންގެންދާ ކަންތައްތައް ކަމަށާއި، މިއީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މާލަމްތަކުގެ ގާނޫނުތަކުގަޔާއި ގަވާއިދު ތަކުގައި އިހްތިޔާރު ދެއްވާފައި ވަނީ އިސްލާމްދީނާ ހިލާފްނުވާ އުސޫލުތަކުގެ ތެރެއިން ވާހަކަ ދެއްކުމަށް ނަމަވެސް އިސްލާމްދީނުގެ އުސޫލުތަކަކީ ކޮބައިކަން މިހާރު މިވަނީ އޮޅިފައި ކަމަށް ވެސް ޝެއިހް ރަޝީދު ވިދާޅުވި އެވެ.
ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން، ހީގެ ތެރެއިން ގިނަ ކަންތައްތަކާ ދުރުހެލި ވުމަށާއި ބައެއް ހީތަކަކީ ފާފަ ކަމަށް އަންގަވާފައިވާ ކަމަށާއި، އެއްބަޔަކު އަނެއްބަޔަކަށް ޖާސޫސު ނުކުރުމަށް އަންގަވައިފައިވާ ކަމަށް ވެސް ޝެއިހް ރަޝީދު ވިދާޅުވި އެވެ. އަދި ޖާސޫސްކުރުން ހުއްދަވާނީ ދުޝްމަނުންގެ ބަޔަކު ގައުމަށް އަރައިގަންނަ ހިނގު އެކަމާ ބެހޭ މުއައްސަސާއަކަށް ކަމަށާއި، އާއްމު ރައްޔިތުންނަށް ޖާސޫސު ކުރުމަކީ ގުރުއާނުގައި، ބޮޑު ނަހީން ނަހީކުރައްވާފައިވާ ކަމެއް ކަމަށް ވެސް ޝެއިހް ރަޝީދު ވިދާޅުވި އެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ މީހުންގެ ޕްރައިވެޓް ކޯލްތައް ވެސް މާލަންތަކަށް ލައިގެން ފުރައްސާރަ ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވެ އެގޮތަށް އެކަންތައްތައް ނުކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.