ލަންޑަން (ޖޫން 5): ލީބިޔާ އާއި ޢިރާޤުގައި އުދުހުން މަނާކުރާ ސަރަޙައްދުތައް ޤާއިމްކުރިގޮތަށް ސޫރިޔާގެ އެތެރޭގައި ވެސް އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކުރުމަށް އެ ޤައުމުގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ ޤާސިމް ސަޢްދުއްދީން އެމެރިކާ އަށާއި ޔޫރަޕަށް ގޮވާލައްވައިފި އެވެ.

ލަންޑަންގައި ނުކުންނަ "ދި އިންޑިޕެންޑެންޓް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޤާސިމް ހުޅަނގުގެ ޤައުމުތަކަށް ގޮވާލެއްވީ ސޫރިޔާގެ އެތެރޭގައި އުދުހުންމަނާ ސަރަޙައްދެއް އުފައްދައި އެ ސަރަޙައްދުގައި އިދިކޮޅު ހަނގުރާމަވެރިން ފައިހަރުކުރެވޭ ފަދަ ޢަސްކަރީ ބޭސްތަކެއް ޤާއިމްކުރުމަށް މަގުފަހިކުރުމަށެވެ. މިގޮތަށް ކަންތައްތައް ކޮށްގެންނޫނީ ބައްޝާރުގެ ސިފައިންނާ ކުރިމަތިލައިގެން އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ނުލިބޭނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. ބައްޝާރުގެ ސިފައިންގެ އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އަމާން ހިޔާވަހިތަކެއް ޤާއިމްކުރެވޭނީވެސް ސޫރިޔާގެ އެތެރޭގައި އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ކުރިމަތިވެފައިވާ އެންމެ ހުރަހަކީ ސޫރިޔާގެ އާބާދީގެ ބޮޑުބައި ދިމިޝްޤާއި ލާޒިޤިއްޔާގައި ބައިބޯގޮތަކަށް ވަޒަންވެރިވެރިވެފައިވާ އިރު މި ދެ ސަރަޙައްދު ވެސް ރައީސް ބައްޝާރުލްއަސަދްގެ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ. ނަތީޖާއެއްގެ ގޮތުން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ބާރު ސޫރިޔާގެ އެތެރޭގައި ކުޑަވެފައި ސޫރިޔާ ސިފައިންގެ ބާރުގަދަވެފައިވެ އެވެ.

ސޫރިޔާގެ މަދު ސަރަޙައްދެއް ނޫނީ އޮތީ ސަރުކާރު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވާތީ މިޙާލަތު ބަދަލުނުވެ ބައްޝާރުގެ ސިފައިންނާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ ވަރަށް ދުރުކަމެއް ކަމަށް ޤާސިމް ވިދާޅުވި އެވެ. ޤާސިމްއަކީ ބައްޝާރުގެ ސަރުކާރު ވައްޓާލަންއުޅޭ އިދިކޮޅު "ފްރީސީރިޔަން އާމީ" ލަޝްކަރުގައި ހިމެނޭ ކޮމާންޑަރުންގެ ތެރެއިން ސޫރިޔާގެ އެތެރޭގައި ފައިހަރުކޮށްފައިވާ މަދު ހަނގުރާމަވެރިންގެ ކޮމާންޑަރެވެ. މި ލަޝްކަރުގެ އިސްކޮމާންޑަރު ކާނަލް ރިޔާޒުލް އަސްޢަދު ހުންނަ ވަނީ ތުރުކީގަ އެވެ. ޤާސިމްގެ ވާހަކާގައި އިސްކޮމާންޑަރު ކާނަލް އަސްޢަދު ތުރުކީގައި ހުންނަވާތީ އޭނާއަށް ވެސް ވަރަށްބޮޑަށް ފާޑުވިދާޅުވި އެވެ.

ސޫރިޔާގެ އެތެރޭގައި އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކުރުމަކީ ރަޝިޔާ އާއި ޗައިނާގެ ދެކޮޅުހެދުންތަކާގުޅިގެން ކުރެވޭނެ ކަމެއްނޫންކަމަށް ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ޤާސިމް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ޤަރަރާކާނުލާ ވެސް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކަށް މިކަންކުރެވިދާނެ ކަމުގަ އެވެ. އޭނާގެ ވާހަކާގައި ސޫރިޔާގައި ހިންގަމުން ގެންދާ ލޭއޮހޮރުވުންތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ޤަތްލުއާންމުތައް ހުއްޓުވުމަށް ހުޅަނގުން އެދެވޭ މަސައްކަތް ނުކުރާކަމަށް ތުހުމަތުކުރައްވައި ހުޅަނގަށްވެސް ފާޑުވިދާޅުވި އެވެ. (އަލްޖަޒީރާ)