24 Mar 2024, 20:22
ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެ ޕާޓީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެސްއޯއީތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ފަދަ އެއްވެސް އަމަލެއް ހިނގާނަމަ އެ ޕާޓީއާ ހިއްސާ ކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ. އެކަމެއް ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ޕާޓީގެމެއިލްމެދުވެރިކޮށް ފޮނުވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެހެންވެ ވަޒީފައިން ވަކިކުރާ ފަރާތްތަކަށް އެ ޕާޓިގެ ފަރާތުން ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
"މި ޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ،" އެ ޕޯސްޓުގައިވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެ ޕާޓީން ވަނީ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން އެއްވެސް 'ހަމައެއް ލަމައެއް ނެތި' ވަކި ކުރަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
އެ ޕާޓީން ބުނީ، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅައި ހައްގުން މަހުރޫމުކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.
އަދި އެމްޑީޕީން އޭރު ވަނީ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައިފައެވެ.