24 Mar 2024, 17:03
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބިރު ދައްކައި ފުރައްސާރަކުރުމާއި އެ ކެންޑިޑޭޓުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ 2018ވަނަ އަހަރު އެ ޕާޓީ ވެރިކަމަށް ހޮވުނު ރިޔާސީ އިންތިޚާބުގެ ކުރިން، އޭރުގެ ސަރުކާރުން ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ބިރުދެއްކުމަށް ކުރި މަސައްކަތް އަލުން އިޔާދަވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެމްޑިޕީއާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ގއ. ވިލިނގިލި ދާއިރާގެ އެމްޑީޕީގެ ރައީސް، މުހައްމަދު ރައޫފަށް ފުރައްސާރަކޮށްފައިވާ ކަމަށާއި ބިލެއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަަދި އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ހަލީމް (ދޮންބިލެއް)އަށް ފ. ފީއަލީގައި ހަމަލާދިނުމުގެ އިތުރުން ގއ. ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ކެމްޕެއިން ސާމާނުތައް ސެންސަރުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާއަދާ ކުރާ އެމްޑީޕީއަށް ނިސްބަތްވާ އެތައް ސަތޭކަ ބަޔަކު މިދިޔަ މަދު މަސްދުވަސްކޮޅުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭޕްރިލް 21ގައި ބާއްވާ މަޖިލިސް އިންތިޚާބަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް ކެމްޕެއިން ކުރަމުންދާއިރު ބައެއް ރަށްތަކުގައި ހަމަނުޖެހުންތައް ހިންގާފައިވެއެވެ.
ވެރިކަން ކުރާ ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހީމް ދީދީގެ ކެމްޕެއިނަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިއްޔެ ގއ. މާމެންދުއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދީފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ދިނީ ނަރީޝް ކަމަށާއި އެ ހަމަލާ އަމާޒުވީ، ޑިމޮކްރަސީއާ ޚިލާފު އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.
މަޖިލީސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.
އެއްވެސް ޕާޓީއަކުން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނުނެރޭއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.