ފޯމިއުލާ ވަން ކާރު ރޭސް ސީޒަންގައި ހިމެނޭ އޮސްޓްރޭލިއަން ގްރޯން ޕްރީ ފެރާރީގެ ދުއްވުން ތެރިޔާ ކާލޯސް ސެއިންޒް ކާމިޔާބު ކޮށްފިއެވެ.

ސެއިންޒްވަނީ މި ރޭހުގެ ދެވަނަ ލެޕްގައި ދުނިޔޭގެ ޗެމްޕިއަން އަދި މި ވަގުތު އެންމެ ފޯމްގައި އުޅޭ ރެޑް ބުލްގެ ދުއްވުންތެރިޔާ މެކްސް ވާސްޓަޕެންގެ މައްޗަށް ލީޑު ނަގައިފައެވެ.

އަދި ރޭހުގެ ހަތަރުވަނަ ލެޕްގައި ވާސްޓަޕެންގެ ކާރުގެ ބުރޭކް ފެއިލް ވުމާއެކު އޭނާ ރޭހުން ރިޓަޔާ ކުރުމާއެކު ސެއިންޒްއަށް އިތުރު ހާސްކަމަކާއި ކުރިމަތިލާކަށް ނުޖެހުނެވެ.

މި ރޭހުގައި ސެއިންޒް އާއި ދެވަނައަށް ވާދަކޮށްފައިވަނީ ވެސް ފެރާރީގެ ދެވަނަ ދުއްވުންތެރިޔާ ޗާލްސް ލެކްލާކްއެވެ. އެޕެންޑިކްސް އޮޕަރޭޝަން ކުރަން ޖެހުމާ ގުޅިގެން ސައުދީ އެރަބިއާ ގްރޯން ޕްރީގައި ބައިވެރިނުވެވުނު ސެއިންޒް މި ރޭހުގައި ފެނުނީ އާ ދިރުމަކާއެކު ރޭސް ކުރަމުންދިޔަ ތަނެވެ.

އުމުރުން 29 އަހަރުގެ ސެއިންޒް ހާމަކުރި ގޮތުގައި އޭނާގެ އެތެރެ ހަށި މިހާރު ކުރިއަށްވުރެ މާ ރަނގަޅަށް ހަރަކާތެރިކުރާ ކަމުގެ އިހްސާސް އޭނާއަށް ކުރެވެއެވެ. މި ރޭހުން ތިންވަނައަށް ދިޔައީ މެކްލެރެންގެ ލަންޑޯ ނޯރިސްއެވެ.

މި ރޭސް ކާމިޔާބު ކުރުމާއެކު ލިބުނު 25 ޕޮއިންޓާއެކު ސެއިންޒް މިހާރު އުޅެނީ 40 ޕޮއިންޓާއެކު ޑްރައިވަރުންގެ ތާވަލްގެ ހަތަރު ވަނައިގައެވެ. 51 ޕޮއިންޓާއެކު އަދިވެސް އެއްވަނައިގާ އުޅެނީ ވާސްޓަޕެންއެވެ. އަދި ދެވަނައިގާ 47 ޕޮއިންޓާއެކު ލެކްލާކް އުޅޭ އިރު ތިންވަނައިގައި އުޅެނީ ރެޑް ބުލްގެ ދެވަނަ ޑްރައިވާ ސާޖިއޯ ޕެރޭޒްއެެވެ.