05 Jun 2012, 20:05
މާލޭގައި ހުރި އެކި އެކި ޕާކުތަކާއި ހިއްފަސޭހަ މައިދާންތައް ބޭނުންކުރަމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެތަންތަން ބޭނުން ކުރެވެމުންދާގޮތް ބަލާ މޮނީޓާ ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް ވަޅި ޖެހުމުގެ ހާދިސާތައް ގިނަ ވެފައިވާ ދަޑިވަޅެއްގައި ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ރިޔާޒް ވިދާޅުވީ ޕާކުތަކާއި ހިތްފަސޭހަ އެހެނިހެން މައިދާތައް ހެދިފައި ހުންނަނީ އާއިލާތައް ގޮސް އުފާކޮށްލާ ހިތްހަމަ ޖައްސާލުމަށް ކަމަށާއި ނަމަވެސް އެތަންތަން ބޭނުންކުރަމުންދާ ގޮތާ މެދު ސުވާލުއުފެދޭ ކަމަށެވެ. އަދި ވިދާޅުވީ ޕާކުތައް ބޭނުންކުރާ ގޮތްތައް މުރާޖައާ ކޮށް އެތަންތަން ބޭނުންކުރަމުންދާކޮށް ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާނަން އެފަދަ ޕާކުތަކުގައި ކުރަނީ ކޮންކަމެއްކަން، އަޅުގަނޑުމެން އެކަންތައްތައް މި އޮތީ ބަލަން ޖެހިފައި، އެ ޕާކުތައް ޑިޒައިންކޮށްފައި ހުންނަ ގޮތާއި އެތަނުގެ ބޭނުން ހިފާ ގޮތްތައްވެސް އަޅުގަނޑުމެން އެބަޖެހޭ މުރާޖައާކޮށް، ބަލައި މިހާރަށް ވުރެ ބޮޑަށް މޮނީޓާ ކުރަން، އަޅުގަނޑުމެން އެތަންތަން މިހާރަށް ވުރެ ބޮޑަށް މޮނީޓާ ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
މިދިޔަ ހަފްތާތެރޭ އަނިާވެރިގޮތަކަށް މަރާލި އަހުމަދު އަރުހަމްވެސް މަރާލާފައި އޮތީ މައުހަދު ހަނި ގޯޅިތެރޭގައި ހަނދާފައި ހުންނަ "ލޮރެންޒޯ" ޕާކުތެރޭގަ އެވެ. ޕާކުތައް ފަހަކަށް އައިސްވެފައިވަނީ މާލޭގައި އޮޕަރޭޓް ކުރަމުން ގެންދާ ގޭންގްތަކުގެ ހާއްޔަކަށެވެ.
ކޮމިޝަނާ ރިޔާޒް ވިދާޅުވީ މާރާމާރީ ފަދަ ބޮޑެތި ކުއްތައް ހުއްޓުވަން އޮތް އެންމެ ބޮޑު ހުރަހަކީ ގާނޫނުތަކާ މެދު އާންމުންގެ ހިތްތަކުގައި އެއްވެސް ގަދަރެއް ދެވިފައި ނެތުން ކަމަށާއި ގާނޫނުތަކަށް އިހުތިރާމް ކުރުމުގެ ރޫހު ކުޑަވުމަކީ އޭގެ އަސްލެއް ކަމަށެވެ. އަދި އެ ރޫހު އާލާކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.
"މީހުންނަށް ގަބޫލުކުރެވެނީ މިއީ ވަރަށް އާދައިގެ ކަމެއް ކަމަށް ގާނޫނުތަކަށް އަމަލުނުކުރުމަކީ، ގާނޫނުތަކަށް ބޯ ނުލެބުމުގެ ރޫހެއް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ، އަޅުގަނޑުމެން ގާނޫނުތަކަށް ބޯލެބުމާއި ތަބައުވުމުގެ ރޫހެއް އާލާކުރަން އެބަޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގުކުރަން ފޮނުވޭ މައްސަލަތައް ޕީޖީ އާއި ކޯޓު މަރުހަލާއިން ނުނިމި ލަސްވުމަކީވެސް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމަށާއި ގާނޫނުތައް ތަންފީޒު ކުރުމުގެ މެކޭނިޒަމަށްވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"މައްސަލަތައް ނުނިމި ލަސްވުމަކީ ގާނޫނުގައި އޮންނަ އަދަބު ތަންފީޒު ކުރުމަށް އެޅޭ ހުރަހެއް، އެހެންވީމައި އެ ޕްރޮސެސްވެސް އަވަސް ކުރަން އެބަޖެހޭ، މިއީ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް، އަޅުގަނޑުމެން ފުލުހުން މިތިބީ އެފަދަ ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރަން ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން،" ރިޔާޒް ވިދާޅުވި އެވެ.
ރޭވެސް މާލޭގައި ވަނީ ވަޅި ޖެހުމުގެ ދެ ހާދިސާއެއް ހިނގާފަ އެވެ. މި ފަހަކަށް އައިސް މާލޭގައި ވަޅިޖެހުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.