ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި، މަރުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "ސަން"އަށް ވިދާޅުވީ ޓްރާންސްފޯމަރަކުން ކަރަންޓުގައި ޖެހިގެން މީހަކު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު އެނގުނީ 4:50 ހާއިރު ކަމަށެވެ.

އެ މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ފަހުމީ ވިދާޅުވީ ކަރަންޓުގައި ޖެހި މަރުވެފައިވަނީ ޒުވާން ފިރިހެނެއް ކަމަށެވެ. އަދި އެ މީހާގެ މަރުވެފައިވާކަން ހޮސްޕިޓަލުންނާއި ފުލުހުން ހާމަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއްނުވެއެވެ.

މިދިޔަ ހުކުރު ދުވަހު ފަހުމީ ވަނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލަމުން ވެސް އަންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެއީ ކަރަންޓުގެ ޚިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމެއްގެ އިތުރުން، އެކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ނުރައްކަލެއްކަން އޭރު ފަހުމީ ފާހަގަކުރެއްވިއެވެ.