05 Jun 2012, 18:22
އީޕީއެސް ސްކޫލްގެ ކުރީގެ ޕްރިސިޕަލް ހަސަން މާހިރުގެ ތައުބީން ޖަލްސާއެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ހަސަން މާހިރު އީޕީއެސް ސްކޫލްގެ ޕްރިންސިޕަލް ކަމުގައި ހުންނެވި އިރު އެ ސްކޫލުން ކިޔެވި ދަރިވަރުންތަކެއް އިސްނަގައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ އެ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އީޕީއެސްގެ އަހަރީ ދުވަހާ ދިމާކޮށް، މި މަހު 21ގައި ކަމަށް އެ ސްކޫލްގެ މުސްކުޅި ދަރިވަރަކު މިއަދު ސަން އަށް ބުންޏެވެ.
އެސްކޫލްގެ މުސްކުޅި ދަރިވަރެއްގެ ކަމުގައިވާ އަޝްރަފް އަލީ މިއަދު ވިދާޅުވީ އީޕީއެސްއެސްގެ މުސްކުޅި ދަރުވަރުންތަކެއް އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާ އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ސްކޫލްގެ މުސްކުޅި ހުރިހާ ދަރިވަރުންނަަށާއި އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.
"މިޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުން މިގެންދަނީ މިހާރުގެ ބިލަބޮންގް ސްކޫލްގައި. އެއީ އީޕީއެސްގެ އަހަރީ ދުވަހު. އެތަން ނުލިބިއްޖިއްޔާ، އެހެން ތަނަކަށް ބަދަލުކުރާނީ. މިހާރު ވިސްނުން ހުރީ އެގޮތަށް،" އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި މިޖަލްސާގައި ހަސަން މާހިރުގެ ހަދާނުގައި އެކިއެކި ފަރާތްތަކުގެ ޝުއޫރު ފާޅުކުރުމާއި ހަސަން މާހިރު އީޕީއެސްއެސް ސްކޫލްގެ ޕްރިންސިޕަލް ކަމުގައި ހޭދަކުރައްވާފައިވާ ދުވަސްވަރާއި އޭނާގެ ހަޔާތުގެ މައްޗަށް އަލިއާޅުވާލާފައިވާ ޕްރެޒެންޓޭޝަނެއް ހުށަހެޅުން އޮންނާނެ އެވެ.
މީގެ އިތުރުން ހަސަން މާހިރުގެ ތައުޒިޔާގެ ދަފްތަރެއް ހަސަން މާހިރުގެ ދިރިއުޅުއްވި މއ. އަންބަރާގައި ހުޅުވާލައިފައިވާ ކަމަށާއި މިދަފްތަރަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައުލީމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ މާހިރު އީޕީއެސް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި 25 އަހަރު ވަނީ ހޭދަކުރައްވާފަ އެވެ.