އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ގިނަ އިރުތަކެއް ވަންދެން ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު "ސަން"އަށް ވިދާޅުވީ، ފެން ކެނޑުނީ ފެނަކައިގެ ޕަމްޕަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ ޕަމްޕުގެ މަރާމާތުގެ މަސައްކަތް ނިމުނުތަނާ އަނެއްކާ ފެން ހޮޅި އޮތް ލައިނަށް ވެސް މައްސަލައެއް ދިމާވުމުން ޚިދުމަތަށް އިތުރަށް ބުރޫ އެރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކޮށް ނިމުނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ. އަދި މިހާރު ފެން ދޫކުރަމުން އަންނަ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ މީގެ ދެ ހަފުތާ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމުގެ ސަބަބުން ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާކަމަށާއި ދެ ގަޑިއިރަށް ބޭނުންކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.