ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދުގެ އިތުބާރު އޮތް ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދަކީ، ޝާހިދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވި އެމްޑީޕީގެ 27 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ވަނީ އެމްޑީޕީން ހުށަހެޅި މައްސަލަ އަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވައިފަ އެވެ.

ޝާހިދުގެ މައްސަލައިގައި، ވަކި ގޮތަކަށް ބޭނުން ނުވާ ކަމަށް ވޯޓު ދެއްވި ދެ މެންބަރުންނަކީ ވެސް އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އޭގެތެރެއިން އަލީ ރިޒާއަކީ ޝާޙިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

މިއަދުގެ ޖަލްސާގައި ޝާހިދަށް ތާއީދު އޮތް ކަމަށް ވާހަކަ ދެއްކެވުމަށް ފަހު، ޑރ. ވަހީދުގެ ވެރިކަން ދެމެހެއްޓުމަށް އުފައްދާފައިވާ ކޯލީޝަންގައި ހިމެނޭ ގައުމީ ޕާޓީގެ މެންބަރު ރިޔާޒު ރަޝީދު ވަނީ ޝާހިދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާޙިދުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން، ޝާހިދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 25 މެންބަރުންނެވެ. ނަމަވެސް ޝާޙިދުގެ އިތުބާރު އޮތް ކަމަށް 45 މެންބަރުން ވޯޓު ދެއްވި އެވެ. ޝާހިދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުން ވަނީ 36 ވޯޓެވެ.