އެމެރިކާގެ މައޭމީގައި މިހާރު ކުރިއަށްދާ މައޭމީ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.

މިއީ އޭނާގެ ލޯބިވެރިޔާ ބެލަރޫސްގެ ކުރީގެ އައިސް ހޮކީ ކުޅުންތެރިޔާ ކޮސްޓަންޓީން ކޮލްޓްސޯވް މީގެ ހަތަރު ދުވަސް ކުރިން މައޭމީގައި މަރުވި ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ސަބަލެންކާ ކުޅެފައިވަނީ ކަޅުކުލަލައިގެންނެވެ.

މި މުބާރާތުގެ ތިން ވަނަ ބުރުން ސަބަލެންކާ ޖާގަހޯދާފައިވަނީ ދެވަނަ ބުރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވިފައިވާ ސްޕެއިންގެ ޕައުލާ ބަޑޯސާ އާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ސަބަލެންކާ ހައެއް ހަތަރަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

މި މުބާރާތުގެ ގިނަ މެޗު ތަކެއް ވަނީ ވާރޭގެ ސަބަބުން މެދު ކަނޑާލަންޖެހިފައެވެ. އަދި ކުޅުނު ގިނަ މެޗުތައް ވެސް ފެށިފައި ވަނީ ކުރިން ކުޅެން ހަމަޖެހިފައިވި ގަޑިއަށްވުރެ ވަރަށް ފަހުންނެވެ.

މި މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު މި މުބާރާތުގައި 20 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އެމާ ނަވާރޯ އާއި އޮސްޓްރޭލިއާގެ ސްޓޯމް ހަންޓާ ބައްދަލުކުރި މެޗު ސިދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ ނަވާރޯއެވެ. އޭނާ މި މެޗު ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.

މި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފްއާއި އާޖެންޓީނާގެ ނާދިއާ ޕޮޑޮރޯސްކާ ބައްދަލުކުރި މެޗު ހައެއް އެކެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައިވަނީ ގައުފްއެވެ.