23 Mar 2024, 23:47
މިއަހަރުގެ ޖޫން އާއި ޖުލައި މަހު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ 2024 މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެދަލަންޑްސް އާއި ސްކޮޓްލަންޑްގެ މެދުގައި ކުޅުނު ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު ނެދަލަންޑްސް ކާމިޔާބުކޮށްފިއެވެ.
ނެދަލަންޑްސްގެ އެމްސްޓަޑަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ނެދަލަންޑްސްއިން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް އެއްވަރަށެވެ. އަދި މިމެޗުގެ ފުރަތަމަ ގަޑިއެއްހާއިރު މޮޅަށް ކުޅެ ގިނަ ބޮޑަށް ނުރައްކާ ކޮށްފައިވަނީވެސް ސްކޮޓްލަންޑްއިންނެވެ. ނަމަވެސް މިމެޗުގައި ސްކޮޓްލަންޑްއިން އުފެއްދި ހަމަލާތައް ނިންމާލުމުގައި އެޓީމަށް ކާމިޔާބު ހޯދޭގޮތެއްނުވިއެވެ.
މިމެޗުގައި ނެދަލަންޑްސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ޖަހައި އެޓީމަށް ލީޑު ނަގައިދިނީ މެދުތެރެއަށް ކުޅެމުންދާ ޓިޔިއާނީ ރެއިންޑަސް ޖަހާދިން ލަނޑުންނެވެ. މިއީ އޭނާ ނެދަލަންޑްސް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިއާއެކު ސްކޮޓްލަންޑްގެ ކުޅުން ދައްވެދާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް އެޓީމުންވަނީ ހިތްވަރު އެލުވާނުލައި ކުޅުން ކުރިއަށް ގެންގޮސް ނެދަލަންޑްސްގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ.
މިމެޗުގައި ސްކޮޓްލަންޑްއަށް ލަނޑެއް ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ލޯރަންސް ޝޭންކްލަންޑްއަށެވެ. ނަމަވެސް އޭނާ ހުސްކޮށް އަރާ ގޯލަށް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މިމެޗުގައި ނެދަލަންޑްސްގެ ދެ ވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ޤައުމީ ޓީމުން މިމެޗުގައި ޖާގަލިބުނު ޖޯޖީނިއޯ ވައިނާލްޑަމްއެވެ.
އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިޔާ ވޫޓު ވެގްހޯސްޓް ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު ޖަހައިދިނީވެސް ބަދަލު ކުޅުންތެރިއެއް ކަމަށްވާ ޑޮންޔެލް މާލެންއެވެ.
މިކާމިޔާބީއާއެކު ކުރިއަށް ޔޫރޯއަށް ތައްޔާރުވުމަށް މިއީ ނެދަަންޑްސްއަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. އަދި ސްކޮޓްލަންޑްވެސް މިމެޗުން ބަލިވި ނަމަވެސް ނެދަލަންޑްސްއާ ދެކޮޅަށް މިމެޗުގެ ބޮޑު ބައިގައި ދެއްކުނު ކުޅުމުގެ ސަބަބުން އެޓީމަށްވެސް ޔޫރޯގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކުރާ އުންމީދުތަކަށް އާދިރުމެއް ލިބޭނެއެވެ.
ޔޫރޯ މުބާރާތުގައި ސްކޮޓްލަންޑް ހިމެނެނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ހަންގޭރީ އަދި ސްވިޓްޒަލަންޑާއެކު ގްރޫޕް އޭގައެވެ. އަދި ނެދަލަންޑްސް ހިމެނޭ ގްރޫޕްގައި މިވަގުތު އޮތީ އޮސްޓްރިއާ އާއި ފަރަންސޭސިވިލާތެވެ. މީގެއިތުރުން ޔޫރޯ ޕްލޭ އޮފް ފައިނަލްސްގައި ވޭލްސް އާއި ޕޯލަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް މިގްރޫޕަށް އިތުރުވާނެއެވެ.