އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީފީއޭ) ބޯޑާއި ބައޯސްފިއާ ރިޒާވް އޯފީހެއް އުފައްދާފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އީފީއޭ ބޯޑާއި ބަޔޯސްފިއާ ރިޒާވް އޮފީސް އުފައްދާ ފައިވާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރުމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރުމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

އެ ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ އީޕީއޭ ބޯޑާއި ބަޔޯސްފިއާ ރިޒާވް އޮފީސް އެކުލާނުލެވި ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެއީ އެކަމަނާ މިނިސްޓަރުކަމާ ހަވާލުވެޑައިގެން ވަރަށް އިސްކަމެއް ދެއްވައިގެން ކުރެއްވި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އީޕީއޭގެ ބޯޑު އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިނިސްޓަރުކަމާ ހަވާލުވި އިރު ނުކުރެވި އޮތް އެއް މަސައްކަތަކީ އީޕީއޭ ގަވަނިން ބޯޑު އެކުލަވާލުން. އެއީ ވެސް ވަރަށް ގިނަ ދުވަސް ވަންދެން ދިގުލާ ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމެއް. އެކަން އިރާދަ ކުރެއްވިޔާ މިވަނީ ނިމިފައި. މިއަދުން ފެށިގެން ގަވަނިން ބޯޑު އެކުލަވާލެވިފައިވާކަން ވަރަށް އުފަލާ އެކު ދަންނަވަން،"

މިނިސްޓާ ވިދާޅުވީ އީޕީއޭ ގަވަނިން ބޯޑުގެ މަސައްކަތްކުގެ ތެރޭގައި ތިމާވެއްޓާއި ގުޅުންހުރި ގާނޫނުތައްތަކާއި ތިމާވެއްޓާ ބެހޭ ގަވާއިދުތައް ހެދުން ހިމެނޭ ކަމަށެވެ.

އެ ބޯޑަކީ ހަތް މެންބަރުންގެ ބޯޑެކެވެ. ނަމަވެސް އެ ބޯޑުގައި ތިއްބަވަނީ ކޮން ބޭފުޅުންނެއް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ތިމާވެއްޓާ ގުޅުން ހުރި ސަރަހައްދުތައް މެނޭޖުކޮށް ބެލެއްޓުމުގެ މަސައްކަތް ކުރުމަށް ބަޔޯސްފިއާ ރިޒާވް އޮފީސް އުފެއްދުމަކީ ވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތްކަތެއް ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުމަށް ކުރިއަށް ދެ ހަފުތާގެ ތެރޭގައި ކޮމިޝަނެއް އެކުލަވާލައްވާނެ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި މިދިޔަ އަހަރުގެ ރާއްޖޭގެ ތިމާވެށީގެ ހާލަތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ "ސްޓޭޓް އޮފް ދަ އެންވަޔަރަމަންޓް 2011" މިނިސްޓަރު ނެރެދެއްވި އެވެ. އަދި ތާޖުއްދީން ސްކޫލުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ނައްތާލުމަށް ހިންގާ "ނޯ ޕްލާސްޓިކް ބޭގް ޕޮރްގުރާމް" ފެއްޓެވުމުގެ ގޮތުން އީޕީއޭ އާއި ތާޖުއްދީން ސްކޫލާ ދެމެދު މިއަދު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ.