23 Mar 2024, 10:51
ރަމަޟާން މަހަކީ ބަދިގެތޭރޭގައި އަހަރުމެން ގިނަ ވަގުތު ހޭދަކޮށް ބަދިގެތެރޭ ގެންގުޅޭ ސާމާނު އެންމެ ގިނައިން ދޮންނަ މަހެވެ. އިރުއިރުކޮޅާ ސިންކު ކައިރިއަށް ގޮސް ތަށިތައް ދޮންނައިރު ތިޔަ ގެންގުޅޭ ތަށި ދޮންނަ ސްޕޮންޖު އެންމެ ފަހުން ބަދަލުކުރީ ކޮންއިރަކުކަން ހަނދާން އެބަހުރިހެއްޔެވެ؟
ބަދިގޭގައި ގެންގުޅޭ ތެލި، ތަށި، ފަދަ ސާމާނު ދޮންނަން ގެންގުޅޭ ސްޕޮންޖަކީ ނުރައްކާތެރި އެތަކެއް ބެކްޓީރިއާއެއް އެއްކުރާ އެއްޗެކެވެ. ތަށި ދޮންނަ ސްޕޮންޖު ބަދަލު ނުކޮށް މާގިނަ ދުވަސްވެފައިވާ ނަމަ އެ އާދަ ބަދަލުކުރަން އަވަސްވެގަންނާށެވެ.
ސަބަބަކީ ދުވަސްވެފައިވާ ސްޕޮންޖުގައި އެކުލެވޭ ބެކްޓީރިއާގެ ސަބަބުން ކިތަންމެ ވަރަކަށް ތަށި ދޮވުނަސް ކާން ބޭނުންކުރާ ތަށްޓަކީ ސާފު ތަށްޓަކަށް ނުވުމެވެ. މީގެ ސަބަބުން އަމިއްލަ ސިއްހަތު ނުރައްކަލަށް ހުށަހެޅި ތަފާތު ގިނަ މައްސަލަތައް ކުރިމަތިވުމަށް މަގުފަހި ކުރުވައެވެ.

ބަދިގޭގައި ގެންގުޅޭ ސްޕޮންޖަކީ ކޮންމެ ހަފުތާއަކު ބަދަލުކުރަންޖެހޭ އެއްޗެއް-- ފޮޓޯ/ޕިންޓަރެސްޓް
ބަދިގޭގައި ގެންގުޅޭ ސްޕޮންޖުތައް ޖަރާސީމުން ރައްކާތެރި ކުރުމަށް ސްޕޮންޖު ސެނިޓައިޒްކޮށް، މައިކްރޯވޭވް އަވަނުން ހޫނުކޮށް ބައެއް މީހުން ސްޕޮންޖުތައް ހޫނުފެނުން ވެސް ދޮވެއެވެ. އެހެންނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ޖަރުމަނުވިލާތުން ކުރި ސައިންޓިފިކް ދިރާސާއަކުން ވަނީ ދައްކާފައެވެ. ސަބަބަކީ ރެސިޓެންސް ލެވެލް މަތި ބެކްޓީރިއާގެ ސްޓްރެއިންތައް ތެތްކަން ހުންނަ މާޙައުލުގައި ދިގުމުއްތަކަށް ދެމިހުރުންކަމަށް މި ދިރާސާއިން ވަނީ އެނގިފައެވެ.
މިކަމަށް އޮތް އެދެވޭ ހައްލަކީ ކޮންމެ ހަފުތާއަކު ގެންގުޅޭ ސްޕޮންޖު ބަދަލުކުރުން ކަމަށާއި ބޭނުންކުރުމަށް ފަހު ސްޕޮންޖު ރަނގަޅަށް ދޮވުމަށް ފަރުވާތެރިވުމަށް މި ދިރާސާކުރި ޓީމުން ވަނީ ލަފާދީފައެވެ.
އެގޮތުން ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތަކުގެތެރޭ ސްޕޮންޖު ރަނގަޅަށް ހިއްކުމަށް ސަމާލުކަން ދިނުން، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ސްޕޮންޖު ޑީޕް ކްލީން ކުރުން ހިމެނެއެވެ. ސްޕޮންޖު ސާފުކުރުމަށް ވިނެގާ، ހޫނުފެން ނުވަތަ ތަށި ދޮންނަށް ގެންގުޅޭ ސައިބޯނި ފުޅި ވެސް ބޭނުންކުރެވިދާނެއެވެ. ސްޕޮންޖު ރަނގަޅަށް ދޮވެލުމަށްފަހު ހިއްކާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި މިއީ އަމިއްލަ އާއިލާ މެމްބަރުން ސިއްހީ ބަލިތަކުން ރައްކާތެރި ކުރުމަށް ކޮންމެހެން ވެސް ސަމާލުކަން ދިނުން މުހިއްމު ކަމެކެވެ.