ހޮޓަލެއް ހިންގުމަށް ކުއްޔަށްދީފައިވާ ތަނަކުން ހަ މަހުގެ ފެން ބިލް ނުދައްކައި އޮތް އިރު ވެސް އެ ތަނުގެ ފެން ކަނޑާނުލައި އަދި ބިލަށް 90،000 ވަރަކަށް ރުފިޔާ އަރާފައިވާ މައްސަލައެއް ގޭގެ ވެރިފަރާތުން އެމްޑަބްލިއުއެސްސީ އަށް ހުށަހަޅައިފި އެވެ.

ގެއާއި ނަން ނުޖެހުމަށް ޝަރުތުކޮށް ހޮޓާ ކުއްޔަށްދިން ފަރާތުން ބުނީ އެގޭގެ ތިރީބައިގައި ހޮޓަލެއް ހިންގުމަށް ބަޔަކަށް ކުއްޔަށްދީފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފެން ބިލް ދައްކާފައި ނުވާ ކަމަށެވެ.

އޭނާ ބުނީ ޑިސެމްބަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތަކަށް ޖުމްލަ 88،242ރ. އަރާފައިވާ އިރު ވެސް އެމްޑަބްލިއުއެސްސީ އިން އެތަނުން ފެނުގެ ޚިދުމަތް ކަނޑާލާފައި ނުވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި އެމްޑަބްލިއުއެސްސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖާ ކަސްޓަމާ ސާވިސް މުހައްމަދު ފަޒީލް ރަޝީދު މިއަދު ވިދާޅުވީ އެތަނުން ފެނުގެ ޚިދުމަތް ނުކަނޑައި ގިނަ ދުވަސްތަކެއްވީ އެތަނުގެ ރީޑިން ނެގުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރީޑިން ނަގަންދާ އިރު މީޓަރު ހުންނަތަން ނޭނގުމުން އެކަމާ ހޮޓާ ހިންގާ ފަރާތާ ސުވާލު ކުރުމުން ވެސް މީޓަރު ހުރިތަނެއް ކިޔައިދީފައިނުވާ ކަމަށެވެ. އަދި ފަހުން ބެލިބެލުމުން އެ މީޓަރު ހުރީ ފޮއްޓަކަށްލާ ފޮރުވާފައި ކަމަށާއި ގޭގެ ވެރިފަރާތާއި ހޯޓާ ހިންގާ ފަރާތާ އެކު ވާހަކަ ދައްކައިގެން މިހާރު އެކަން ހައްލުކޮށް، ފައިސާ ދެއްކުމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.