ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ އަވަސް އަރުވާލައިގެން ނޫން ކަމަށް ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިން މަޖިލީހަށް ވެއްދި މައްސަލަ ޝާހިދުގެ ކޮޅަށް ކާމިޔާބުވުމާ ގުޅިގެން މިއަދު މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އޭރުގެ ނައިބު ރައީސް (މިހާރުގެ ރައީސް) ޑރ. ވަހީދު ހުވާކުރުމުގެ ދަރުބާރު ބޭއްވީ އެއްވެސް ވަރަކަށް އަވަސް އަރުވައިލައިގެން ނޫންކަމަށާއި އަދި އެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުވާކުރުމަށް ދެންނެވީ އަކީ އަވަސް އަރުވައިލައިގެނެއް ނޫން. ގާނޫނު އަސާސީގައިވާ ހަމަތަކުގެ މަތިން ރައީސުލްޖުމުހުރިއްޔާ ކަމުގެ މަގާމުގައި ހުންވި ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ކަމުގެ މަގާމު ހުސްވީމާ ގާނޫނު އަސާސީގައި އެކަމަށް އަޅަން އޮންނަ ފިޔަވަޅުތައް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް އެޅުއްވީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހެނީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިގެން ނޫން ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ހުވާކުރެއްވުމުން އެކަން ފުރިހަމަވާނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

"އެދުވަހުގެ މާހައުލު އޮތްގޮތުން އަދި އެފަދަ ކަމެއް ކުރާކަށް [މަޖިލިހުގެ ޖަލްސާއެއް]ރަސްމިއްޔާތެއް ނުބޭއްވޭނެ. އޭގެ ބަދަލުގައި އެކަންކޮށްފައި ވަނި[ ހުވާކުރުމުގެ ރަސްމިއްޔާތު] ބާއްވާފައި ވަނީ ގާނޫނުގެ ހުދޫދުގެ ތެރޭގައި ގާނޫނު އަސާސީގައި ބުނެފައި ވާގޮތަށް،" ޝާހިދު ވިދާޅުވި އެވެ.

ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވި ހާދިސާ އާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިޔާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އެމަނިކުފާނާ އެއްފަހަރަށް ވުރެ ގިނަފަހަރު ގުޅުއްވި ކަމަށާއި އަދި ނަޝީދުއާ ވާހަކަފުޅު ދެއްކެވި ނަމަވެސް އިސްތިއުފާ ދެއްވުމަށް ނަޝީދު އަރިހު ދަންނަވާފައިނުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސް ނަޝީދު ފޯނުކުރައްވާފައި ސިފައިންގެ އަށް އައުމަށް އެދުވަހު އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ސަރަހައްދުގެ މަޝްރަހު އޮތްގޮތުން ސިފައިންގެއަށް ވަޑައިނުގެންނެވީ ކަމަށެވެ. އަދި ރަޢީސް ވިދާޅުވާ ކޮންމެ ކަމެއްގެ މަޝްވަރާ ފޯނުން ދެއްވާނެ ކަމަށް ނަޝީދު އަރިހު ދެންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ސިފައިންގެއަށް އަތުވެދާނެތޯ ރައީސް ނަޝީދު ދެންނެވި. އަޅުގަނޑު ޖަވާބުގައި ދަންނަވާފައި އޮންނާނެ ސަރަހައްދުގެ މަޝްރަހު އޮތް ގޮތުން އެތަނަށް އަޅުގަނޑުދިއުމަށް ވުރެ ރައީސުލްޖުމުހުރިއްޔާ ބޭނުންވާ ކަންކަމުގައި މަޝްވަރާކުރެއްވުމަށް އަޅުގަނޑާ ފޯނުން ގުޅޭ ގޮތަށް ހުންނާނަމޭ. އަބަދުވެސް އަޅުގަނޑާ ގުޅޭނޭ. އެހެން ދެންނެވި ފަހުން ވެސް އެމަނިކުފާނު އަޅުގަނޑާ ގުޅުއްވަމުން ގެންދެވި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދަށް ލަފާދެއްވި ކަމަށާއި ނަމަވެސް އެފަދަ ވާހަކައެއް މީޑިޔާގައި ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.