22 Mar 2024, 20:11
މިއަހަރުގެ ޖޫން މަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިހާރު ކުޅެވެމުންދާ ޕްލޭ އޮފްގެ ފައިނަލްސްއިން ވޭލްސް އާއި ޕޯލަންޑް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލްސްއިން ވޭލްސް ޖާގަ ހޯދާފައިވަނީ ޕްލޭ އޮފް ސެމީފައިނަލްގައި ފިންލަންޑާ ބައްދަލުކުރި މެޗު ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ވޭލްސްގެ ކާޑިފްގައި ކުޅުނު މި މެޗުގައި ގިނައިރު ފިންލަންޑުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދައިފައިވަނީ ވޭލްސްއިންނެވެ. ވަރަށް ފޯރިއާއެކު ވޭލްސްއިން ފެށި މި މެޗުގެ ތިންވަަނަަ މިނެޓުގައި އެ ޓީމުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ.
މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭވިޑް ބްރޫކްސްއެވެ. ވޭލްސްއިން މެޗުގެ ކުރީކޮޅު ލަނޑެއްޖެހި ނަމަވެސް މި ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ފިންލަންޑުންނެވެ.
މި ހާފުގައި ދެން ވެސް ފެނުނީ މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ވޭލްސަށް ނީކޯ ވިލިއަމްސް ލަނޑެއް ކާމިޔާބުކޮށްދިން ތަނެވެ. މި މެޗުގައި ފިންލަންޑް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމޫ ޕޫކީއެެވެ. މި މެޗުގައި ވޭލްސްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެނެން ޖޯންސަންއެވެ. އަދި ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ ޑެން ޖޭމްސްއެވެ.

ޕޯލަންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ދި އެތުލެޓިކް
މި ކާމިޔާބީއާއެކު މިފަހަރުގެ ޔޫރޯއިން ޖާގައެއް ކަށަވަރު ކުރުމާ ވޭލްސް މިވަނީ އެންމެ ފިޔަވަޅަކާ ގާތްވެފައެވެ. ނަމަވެސް މިކަން ފުރިހަމަ ކުރުމަށް ޓަކައި މި އަންނަ އަންގަރަ ދުވަހުގެ ރޭ ޕްލޭ އޮފް ފައިނަލްސްގައި ނިކުންނަން ޖެހޭނީ ޕޯލަންޑް އާއި ދެކޮޅަށެެވެ.
އެމެޗު ކާމިޔާބު ކުރާ ޓީމަކަށް ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިގެންދާނެއެވެ. ވޭލްސް އާއި ވާދަކުރާ ޕޯލަންޑްއިން ފައިނަލްސް އިން ޖާގަހޯދާފައިވަނީ ސެމީ ފައިނަލްގައި އެސްޓޯނިއާ އާއި ބައްދަލުކުރި މެޗު 5 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ.