"ކަށްވަޅުގެ ހަމައެކަނި އެކުވެރިޔަކީ ހެޔޮ އަަމަލެވެ. އަޅުކަންތައްތައްތަކުގައި ގިނަ ވަގުތު ހޭދަކޮށް ދުނިޔެއަށް އަލްވަދާއުކިޔަން އަބަދުވެސް ތައްޔާރަށް ހުންނާށެވެ. ކަށްވަޅަށް ދާނެ ދުވަހެއް އެއްވެސް އިންސާނަކަށް ނޭގޭނެއެވެ."

***

ގެއަށް ދާ ގަޑީ ޖެހިފައި ވުމުން އެންމެންވެސް ސަލާމް ބަދަލުކޮށްލަމުން ދިޔަ ވަގުތު ވިލްދާން ގެ ލޮލުގައި އަޅައިގަތީ އަހެދް އެވެ. ލޯ އެކަނި ފެންނަން ހުރި ނަމަވެސް އޭނާއަށް ފީރޯޒާގެ ހަނދާންތައް އާވިއެވެ.

" އަލްޙަމްދުލިއްﷲ ވަރަށް އުފާވެރި ރެއެއް. ހަގީގަތުގައިވެސް މައިރާ އަށް ތިކަހަލަ އާއިލާ އެއް ލިބޭތީ މާތްﷲ އަށް ހަމްދުކުރަން..." ސަހަރްގެ ލޯ އުފާވެރި ކަރުނައިން ތެތްމާލިއެވެ.

"ސޯ ޑްރާމާ..." އަހެދް އަމިއްލަ އަށް ކުދި ކިޔައިލިއެވެ.

ޖޫރީ ވެސް މައިރާ ގައިގައި ބައްދާލުމަށް ފަހު ދެން ދިމާވާނެ ދުވަހަކަށް އިންތިޒާރު ކުރާކަމަށް ބުނެ އެނެމެނާ އެކީ ނިކުމެގެން އައި ވަގުތު އަލްބާން ގައިގާ ކޮއްޓާލައި ވަރަށް ގިނަ ވާހަކަ އެބަ އޮތް ކަމަށް ބުނެލީ ސިއްރުވެރިގޮތަކަށެވެ.

އަލްބާން އާއި ޖޫރީ ސައްލާކުރަން އަވަސްވެގަތީ ޖޫރީގެ ކޮޓަރިއަށް ދިޔުމަށެވެ. ދެމީހުންނަށް ވެސް ގާތްގަނޑަކަށް ދެކެވުނީ ހަމަ އެއް ވާހަކައެކެވެ. މުރުތަސިމް އާއި އަހެދްގެ ވާހަކައެވެ. ޖޫރީ އިތުރު ކޮށްލަން ބުނި ކައިލް ގެ ވާހަކަ އަކީ އެހާ މުހިންމު ވާހަކައެއްކަމަށް އަލްބާން އަކަށް ނުވިސްނުނެވެ. ނަމަވެސް ދެ މީހުން ރާވަމުން ދިޔައީ މުރުތަސިމް އާއި އަހެދް އާއި ދެމެދު އޮތް ގުޅުން އިމްތިހާންކޮށްލުމަށެވެ.

" މަންމަ އަށް އެނގިއްޖެއްޔާ މިއީ ހުސް ޖޫރީ ގެ ކަންތައް އިނގޭ......ނޮޓް މީ.." އަލްބާން އިންޒާރެއް އަޅާލިއެވެ.

ދޮރުކައިރީ އާސީނާ ހުރި ކަމެއް ނޭނގި އެ ދެކެވުނު ވާހަކަތަކުގެ ކޮންމެވެސް ބައެއް އާސީނާ ގެ ކަންފަތަށް އިވުމުން ބޭނުންވީ އެ ރޭވި ކަންތައްތަކުގައި ބައިވެރިވުމަށެވެ. އާސީނާ ވެސް ބޭނުންވަނީ އަހެދް އާއި މުރުތަސިމް ގުޅުމަށެވެ.

" ތިހާ ބޮޑު ޕްލޭން އެއްގަ ދޮންތަ ވެސް ބައިވެރިކުރަންވާނެ ނު...." އާސީނާ އަވަހަށް އެއްބައިވެލިއެވެ.

"މިހާ އަންހެނުން ގިނަ ވީމަ ޕްލޭން ދާނީ ޗޮކުން....." އަލްބާން ނިތުގައި އަތް ޖަހާލަމުން ބުނެލީ މަޖާ ގޮތަކަށެވެ.

" ހޫން...އެކަމު ކިހިނެއް ބާބް. .ބާބް އެއްބަސް ނުވެއްޖިއްޔާ މި ޕްލޭން ވޯކް އެއް ނުކުރާނެ....މާދަން ހަވީރު ދޯ...." އާސީނާ ހުރީ ކެތްމަދުވެފައެވެ.

"ބާބް އޯކޭ ވާނެ. އެކަމު ދެން ހާދަ މަޖާ ވާނެއޭ...." ޖޫރީވެސް ހުރީ މާދަން ހަވީރު ވާން ކުރާން ޖެހޭ ދިގު އިންތިޒާރަށް ކެތްމަދުވެފައެވެ.

" މީ އަލް ބުނި ވާހަކަ އަންހެންވެރިން މާ އަވަހަށް ފޯރި ނަގަން ފަށާނެ. ކަމެއް ނުވަނީސް. ތިހާ އެކްޒައިޓް ވެގެން މަންމައަށް ކަމެއް އެނގިއްޖެއްޔާ.....އެނގިއްޖެއްޔާ އަހަރެންގެ ދުވަސް ދާނެ...." އަލްބާން ހަގީގަތުގައިވެސް ހުރީ ވަރަށް ބިރުންނެވެ.

***

އަހެދް ތުންފަތުގައި ކުޅެލަމުންދިޔަ ހިނިތުންވުން ފޮނި އުންމީދުތަކެއް އެ ހިތަށް ވެރިކުރުވިއެވެ. މުރުތަސިމްގެ ރީތި ކަމާއި އެއްވަރަށް މީހުންނަށް ކުރާ އިހްތިރާމްވެސް އެހާ ފުރިހަމައެވެ. އަހެދް ގެ މަގްސަދަކީ ވެލްވެޓް މޭނަޝަނަށް ބާރުފޯރުވޭނޭ ހައިސިއްޔަތު ލިބޭނެ މީހެއްކަމުގައި ވުން ކަމުގައި ވިޔަސް މުރުތަސިމް އާއި މެދު މީހާ ދެކޭ ގޮތް ކުޑަކޮށް ނަމަވެސް ބަދަލު ވަމުން ދިޔައެވެ. ކައިލް އާއި ދިމާވި ހާދިސާ ހަނދާންވެ އަދި މީހާ މުޅިން ފޫހި ކުރުވިއެވެ. މުރުތަސިމް އާއި ކައިވެނި ކުރެވިދާނެ ކަމަށް ކުރަމުން އައި އުންމީދަށް އަނެއްކާ ކައިލް ގެ އުނަދަގޫ ޖެހިދާނެކަމަށް ހީވެ ހިތް ހާސްކުރުވިއެވެ.

މުރުތަސިމް އެނދަށް ވެއްޓިގަތް ގޮތަށް ސީލިންއަށް ބަލަން އޮތީ ފުން ޚިޔާލެއްގައެވެ. އަހެދް ގެ އެއްވެސް އުނި ސިފަ އެއް ނެތް ކަމަށް ހިތް ބުނަމުން ދިޔައެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހަކަށް ހިތް ދެވޭނެ ކަމަކަށް މުރުތަސިމް ގަބޫލު ނުކުރިޔެއްކަމަކު އަހެދް ގެ މިޒާޖަށް ގަޔާވެފައިހުރެވުނީ އެއީ މި މުޖުތަމައުގައި މަދުން ނޫނީ ނުފެންނަ ކަންކަން ކަމަށް ވާތީއެވެ. އެންމެ ބޮޑަށް ހިތުގައި އަޅައިގަތީ އަހެދް ފަދަ ރީތި ކުއްޖަކު ފޮރުވިގެން ހެދުން އަޅާފަ ހުންނަ ގޮތާއި އެ ލަދުވެތިކަމެވެ.

އެވަގުތު ފޯނު ރިންގު ވުމުން ފޯނަށް ބަލައިލާ މުރުތަސިމް ދޫކޮށްލީ ފުން ނޭވާއެކެވެ.އެނދުން ތެދުވެ ފޯނު ނެގީ ވެސް ފޫހި ކަމާއެކުއެވެ.

" ސިމް....މިރޭ ފްރީތަ؟ހަމަޖެހިގެން ވާހަކަ ދައްކާލަން ބޭނުންވާތީ...." އަލީޒީގެ އަޑުން ރޮއެފާ ހުރިކަން އެނގެއެވެ.

" މިރޭ ދެން ބޭރަށް ދެވެން ނެތް. ފޯނުން ވެސް ވާހަކަދައްކާލެވިދާނެ އެއްނު...." މުރުތަސިމް ހުރީ ފޯނު ބާއްވައިލާ އަމިއްލަ ޚިޔާލުތަކަށް ގެއްލެން ބޭނުންވެފައެވެ.

" ދިމާވެލަން ބޭނުންވީ އަހަރެން ފުރާތީވެ. ފަހު ފަހަރަށް ސިމް ދެކިލާފަ ދާން ކަމަށް.....އެކަމު އިޓްސް އޯކޭ......" އެލީޒީގެ އަޑު ތުރު ތުރު އެޅިއެވެ.

"ޔޫކޭ އަށް ދަނީތަ؟" މުރުތަސިމް އަށް އެލީޒީ އަށް ޔޫކޭ އަށް ދިޔުމަށް ފުރުސަތުލިބިފައިވާކަން ކުރިންވެސް ހިއްސާކޮށްފައިވުމުން އެކަން އެނގެއެވެ. ނަމަވެސް އެލީޒީ އެދަތުރު ނުދާން އޭރު ނިންމާފައިވީ މުރުތަސިްމ އާއި މާ ދުރަށް ދާން ޖެހިދާނެތީއެވެ.

"ލައްބަ. ސިމް އާއި ދުރަށް...." އެލީޒީ ހީލަމުން ބުނެލި ނަމަވެސް އެ ހުނުމުގައި ވީ ވޭނެވެ. ހިތް ބުނަމުން ދިޔައީ މުރުތަސިމް އެއްފަހަރުވެސް ނުދާން ބުނާނެކަމަށެވެ.

" ދެޓްސް ގްރޭޓް....އެލީ އަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވާނަމަ...." އެލީޒީ ހަގީގަތުގައިވެސް ގެއްލޭ ކަމުގެ އިހުސާސް ހިތަށް ވެރިވި ކަމުގައިވިޔަސް މުރުތަސިމްގެ ހިތަކަށް އެކަމުން އަސަރެއް ނުކުރިއެވެ. ގަބޫލުކުރެވެނީ އެއީ އެނެމެ ރަނގަޅުގޮތް ކަމުގައެވެ. ދެމީހުންގެ މިޒާޖުގައި ހުރި ތަފާތު ތަކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ބެލެވެއެވެ.

އެލީޒީ އިތުރު ވާހަކައެއް ނުދައްކާ ފޯނު ކަނޑާލިއެވެ. އިތުރަށް އެއްޗެއް ބުނުމުގެ މާނައެއްވެސް ނެތެވެ. ފޯނު ކެނޑުނީ ކަމަށް ހިތާ މުރުތަސިމް ގުޅުމުން ނަންބަރު ބްލޮކް ކޮށްލީކަން އެނގުނެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން އަނެއްކާވެސް އެނދަށް ވެއްޓިގަނެވުނެވެ.

" އެއީ އެންމެ ރަނގަޅު ގޮތް ކަންނޭނގެ...." އޭނަގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެލީޒީ އާއި ދޭތެރޭ ވިސްނުމަށް އެ ހިތް ނޭދޭ ކަހަލައެވެ. ތިމާގެ ހުރި އުނި ކަންތަކާއި މެދު ވިސްނަން ބޭނުން ނުވަނީއެވެ. އެ ގުޅުން ކެނޑެން ޖެހުނު ސަބަބަކީ އެލީޒީގެ އެކަނި ކުށެއް ނޫން ކަން މުރުތަސިމް އަށް ރަގަޅަށް އެނގެއެވެ.

***

އައްޒަހްރާގެ ހެވި ދިލިފައިވާ މޫނަށް މާހްޒަބީން ބަލައިލީ ވަރަށް އުފާ ވެފައިހުރެއެވެ. ވެލްވެޓް މޭންޝަނަށް މިހާ އުފާވެރި ދުވަސްތަކެއް އަލުން ލިބުނީ ނުހަނު ދިގު އިންތިޒާރަކަށް ފަހުއެވެ. އަދި އައްޒަހްރާގެ އެ ހިތްހެޔޮ މޫނުމައްޗަށް ވެރިވެފައިވީ ހިނިތުންވުމުން އޭނަގެ ހިތްވެސް ފުރުނެވެ.

" އަލްޙަމްދުލިއްﷲ ހާދަ އުފާވެރި ރެއެކޭ. އެ އާއިލާ އެއީ ވަރަށް ރަނގަޅު އާއިލާއެއް. އަދި ޒަވިޔާ އަށް މައިރާ ލިބުމަކީ ހަމަ ނަސީބެއް. ދެން އޮތީ މުރުތަސިމް ގެ ފަހަރު..." އައްޒަހްރާ ފެން ކޯވަރެއް ބޯލިއިރުވެސް ތުންފަތުގައިވީ ހިނިތުންވުމެވެ.

"މުރުތަސިމް؟" ސުވާލުން ފުރިފައިހުރެ މާހްޒަބީން އަހައިލި ކަމަކު އޭނާގެ ހިތު ތެރޭގައިވެސް އޮތީ އަހެދް އާއި މުރުތަސިމް ގުޅުވުމަށެވެ.

" އަހެދް އާއި މުރުތަސިމްގެ ވާހަކަ....." އައްޒަހްރާ ވަރަށް ފޯރިއާއި އެކު ވާހަކަ ފެށިކަމުގައި ވިނަމަވެސް ކޮޓަރިޔަށް ހާޝިމް ވަދެގެން އައުމުން މަޑުޖެހެލިއެވެ. ނަމަވެސް ހާޝިމައަށް ވެސް އެދެކެވެނީ ކޮން ވާހކައެއްކަން އަޑު އިވިފައި ވުމުން ޑްރީމްސްވިލްގައި ހިނގައިދިޔަ ވާހަކަ ތައް ހިއްސާކުރިއެވެ.

އައްޒަހްރާގެ އުންމީދުތަކަށް އާރޯކުރުވީ އެވާހަކަތަކުންނެވެ. މުރުތަސިމް އާއި ވާހަކަ ދައްކާލެވޭނޭ ވަގުތަކަށް އިންތާޒުރުކުރެވުމުން ދިޔައީ ހިތް އަވަސް ވެފައިހުރެއެވެ. އެ ގުޅުން އެގޮތަށް ބަދަހި ވެއްޖެނަމަ އައްޒަހްރާގެ ހިތަށް ވަރަށް ލުއިވާނެއެވެ. މިއަދު މިދުނިޔެ ދޫކޮށްދާން ޖެހުނު ކަމުގައިވިޔަސް ބޮޑަށް ތިބި ކުދީންނަށް ދިރިއުޅުމެއް ފެށިފައިވުން އެއީ ނަސީބެއްކަމަށް ހީކުރެވެމުން ދިޔައެވެ.

ނިދިފައި އޮތް ސޯފީ އެނދުގައި ބާއްވާލިއިރު ކައިލްގެ ލޯ ކަރުނުން ތެންމާލީ ސޯފީ ގެ މާސޫމު ކަމުންނެވެ. އަދި އަހެދް ބުނި ބަސް ހަނދާނަށް ގެނެވި އަތް މުށްކަވާލެވުނެވެ. ސޯފީ ފަދަ މާސޫމު ކުއްޖެއް ކުރިމަތީ އެފަދަ ވާހަކަ އެއް ދެއްކި ކަމަށްޓަކައެވެ. ކައިލް ގެ ހިތުގައި އަހެދް އަށް އެއްވެސް މިންވަރެއްގެ ލޯތްބެއް ނެތަސް އެހެން އިންސާނުންނަށް ވެސް ކުރާ އިހުތިރާމާއި ގަދަރު އޭނައަށްވެސް ކުރެވެއެވެ. ނަމަވެސް މިރޭ ހިނގައިދިޔަ ކަމުން އަހެދް އެއީ ހަގީގަތުގައިވެސް ރަނގަޅު ކުއްޖެއްބާއޭ ސުވާލުއުފެދުނެވެ.

" ހާދަ ޓެންޝަން ގަ. ސޯފީ ވަރަށް ބޮޑާހޭކި ދޯ..." އާސީނާ ލުއި ހިނތުންވުމަކާއެކު ސޯފީއަށް ބަލައިލިއެވެ.

"ނޫނޭ. އާސީ. ސޯފީ އަށް ރަނގަޅަށް ބަލައްޗޭ އަބަދުވެސް.....މިހެއްގެ ފަރާތުން ނަމަވެސް ސޯފީ ހިތުގަ ޖެހޭ ފަދަ ކަމެއް ވުން އެއީ...." ކައިލް ވަރަށް ސީރިޔަސް ކަމާއެކު ބުނެލަމުން ދިޔަ ވާހަކަތައް ނުނިމެނީސް އާސީނާ ހުއްޓުވިއެވެ.

" ދެން ކައިލް. ބުނަމެއްނު އެހާ ބޮޑަށް ތިކަހަލަ ކަންކަމާ ނުވިސްނަން......އިންޝާﷲ ދެރަ ގޮތެއް ދިމާ ނުވާނެއޭ. ނެގަޓިވްކޮށް އަބަދު ވިސްނާކަށް ނުވާނެ...އަދި އެކަހަލަ ކަމެއް ދިމާ ނުވަނީސް..." އާސީނާ ބޮޑާހާކާލީ ކުޑަކުއްޖެއްފަދައިންނެވެ.

" ތިޔެއް ނޫނޭ. މިހާރު ވަރަށް ބޮޑު ޕްލޭން އެއްކޮށްގެންނޭ މި އުޅެނީ....އަލް އާއި ޖޫރީ އާއި އެކީ....." އާސިނާ ވަރަށް އުފާވެފައި ހުރެ އެވާހަކަތައް ކިޔައިދިން ނަމަވެސް ކައިލްގެ ހިތުގައި އުފެދެމުންދިޔައީ ހާސްކަމެވެ.

" އާސީ ދެން މީހުންގެ ލައިފް އެއީ ކުޅޭކުޅޭ އެއް ނޫންދޯ. ސިމް އެހާ ގަޔާ ވާކަމެއްވެސް ނޭނގެއެއްނު. ބެޓަ ނޮޓް ޓު ގެޓް އިންވޯލްވްޑް...." ކައިލް ގެ އަޑު ހުރީ އިންޒާރެއްދޭފަދަ ގޮތަކަށެވެ.

***

ވެލެވެޓް މޭންޝަންގައި ކައިވެންޏަކަށް ތައްޔާރުވާކަމުގެ އަޑުތަކާއި މަސައްކަތަތައް އެކި ދިމަ ދިމާއިން ފެންނަމުންދިޔައެވެ. ގެ ތައްޔާރުކުރެވެމުންދަނީ އަވަށްޓެރި އެންމެނަށް ކައިވެނީގެ ވާހަކަ އިއުލާންކޮށްލުމަށް ބާއްވާ ކުޑަ ބައްދަލުމުކަށެވެ. މި ކުޑަ ހަފްލާއަކީ ހަމަ އެކަނި އަންހެންވެރީންނަށް ހާއްސަކޮށް ބާއްވާ ކަމެއް ކަމުން ހީނާފަތް އެޅުން ފަދަ ކަންކަން ވަނީ އިންތިޒާމްކުރުވާފައެވެ. ކަމުގެ ބާވަތުން ސަކީނާ އަށް ޒަވިޔާގެ ކައިވެނީގެ ޚަބަރު އިއްވަން ޖެހުނީ އެގެއަށް ހެނދުނު އައުމުންނެވެ. މޫނު މަތީން ނުރުހުންތެރިކަން ފާޅުވި ނަމަވެސް ކައިވެނީގެ ތައްޔާރިތަކުގައި ޝާމިލްވުމަށް ބޭނުންވެފައިވާލެއް ބޮޑުކަމުން އެކަމާއި ބޮޑާނުހާކާ ވޭތޯ ބެލިއެވެ. ނަމަވެސް ވާހަކަ ދެއްކުމުގެ ތެރެއިން އައްޒަހްރާ އަށް ބަހުގެ ހަމަލާތައް ލިބޭ ފަހަރުވެސް މަދެއް ނޫނެވެ.

"ބާބް.....ބާބް...." ވައި އަޑަކުން ޖޫރީ ބާބިލް އަށް ގޮވަމުން ދިޔައެވެ. ބާބިލް ވަރަށް ފަރުވާތެރި ފިޔަވަޅުތަކުގައި ޖޫރީ ކައިރިޔަށް އައީ ހާސްވެފައިހުރއެވެ. ބާބިލް ގެ ފިރިމީހާގެ ކަނަތައް ހުންނަ ގޮތުން މީހަކު ގޮވާލިޔަސް ބާބިލް ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ.

" ވަރަށް ބޮޑު ކަމަކު. ބާބް ޕްރޮމިސް ކޮށްދީ..." ވާން އުޅޭ ކަމެއް ނުބުނެ ވަގުތުން ވައުދުވުމަށް ޖޫރީ ބުނެލީ ވަރަށް ސިއްރުވެރިގޮތަކަށެވެ.

" ކޮން ކަމަކަށް....ޖޫ....ބާބް އަށް ދޮގެއް ނެހެދޭނެ....." ޖޫރީގެ ނުސިޔާނު ކަން ބާބިލް އަށް ރަނގަޅަށް އެނގޭތީ އަވަހަށް ކަމުން ރެކެން ބޭނުނެވިއެވެ. ނަމަވެސް ޖޫރީ އަވަހށް ކޮޓަރީ ތަޅުލައި އާދޭސް ކުރަންފެށިއެވެ.

"ނޫނޭ....ދެން ބާބް....މިއީ އަސްލު ރަނގަޅު ކަމަކަށޭ...." ޖޫރީގެ ވާހަކަތައް އަޑު ނޭހުމަށް ބާބިލް ކަންފަތުގައި އަތް އަޅައިގެން ދެކޮޅަށް ދެކޮޅަށް ދުވެ ހެދިއެވެ. އާސީނާ ވަރަށް އޯގާތެރިކަމާއެކު ބާބިލް ގެ އަތުގައި ހިފި ވަގުތު ބާބިލް ސިއްސައިގެން ދިޔައީ އަތުގައި ހުރި ޒަޚަމްތަކަށް ތަދުވުމުންނެވެ. އާސީނާ ހިފީ މަޑުމަޑުން ނަމަވެސް ބާބިލް ގެ އަތުގައި ހުރި ޒަޚަމްތަކުގައި އެޅި ވޭނުގެ ސަބަބުން އަޑެއް ލައްވައިލެވުނެވެ.

"އާސީ ވެސް ތަ...." ބާބިލް ސިހިފައި ދިޔަ ނަމަވެސް ޖޫރީ ކުރާ ނުސިޔާނު ކަމެއްގެ ތެރެއަށް އާސީނާ ވެސް އުޅެދާނެ ކަމަކަށް ހީނުކުރެވިފައި ހުރެވުނެވެ.

" ބާބް ދޮގެއް ހަދަންވީ އެއްނޫނޭ. ހަމަ އެކަނި ނޯޓްކޮޅެއް ހަވާލުކޮށްލަން ޖެހޭނީ. ސިމް އާއި އަހެދް އަށް....." ކޮޓަރިތެރެއިން އަލްބާންގެ އަޑު އިވުނެވެ.

" ޔާ ރައްބީ.....މީ ކޮންފަދަ ކަމަކާ މި ލައިގަތީ....." ބާބިލް އަށް ބުނެވުނީ މަޖާގޮތަކަށެވެ.

" ދެން ބާބް ޕްލީޒް.....މިއީ ރަނގަޅު ކަމަކަށޭ....." ޖޫރީ ބޮޑާހޭކިއެވެ.

" ތި ކަރުދާސްކޮޅެއް އެ ކޮޓަރިތަކުގައި ބާއްވާލަދޭނަން އެކަމު.....އަތުން ހަވާލެއް ނުކުރެވޭނެ....އޭރުން ބާބް ޖެހޭނީ ދޮގު ހަދަން އަހައިފިއްޔާ....." ބާބިލް އިންޒާރުގެ ރާގުގައި ބުނަމުން ދިޔައެވެ.

ބާބިލް އެއްވެސް ގޮތަކަށް ދޫ ދޭ ގޮތަކަށް ނެތުމުން އެކަމަށް އެއްބަސް ނުވެ ވާކަށް ނެތެވެ.

***

ދެ ނޯޓްކޮޅުގައިވެސް ވީ ބަގީޗާއަށް ހަވީރު ހަތަރެއް ޖަހާއިރު އައުމަށެވެ. ބާބިލް ދެ ކޮޓަރީގައިވެސް އެ ބޭއްވީ ފަސޭހައިން ފެންނަ ހިސާބުގައި އެނދުގެ މަތީގައެވެ. އަހެދް ވެސް އައްޒަހްރާ ފަހަތުން ގޭގެ ކަންތަކުގައި އަވަދިނެތި އުޅޭތީ އޭނަ ކޮޓަރީގައި ނެތް ވަގުތެއް ބަލައި އެ ނޯޓްކޮޅު ބޭއްވިއެވެ.

އަހެދް ކޮޓަރިޔަށް ވަން ވަގުތު އެނދުމަތީ އޮތް ކަރުދާސްކޮޅު ފެނި ފުރަތަމަ ވެސް ހިތް ހާސްކުރުވިއެވެ.

"ކައިލް....." އަހެދް ހިތް ބުނަމުން ދިޔައީ ކައިލް އޭނައާއި ބައްދަލުވެ ވާހަކަ ދައްކަން ބޭނުންވަނީ ކަމަށެވެ. ކައިލް އާއި ގުޅުމެއް އޮތް ކަމަށް އަހެދް އެއްވެސް މީހަކަށް އަންގާކަށް ބޭނުންމެއްނުވެއެވެ. ނަމަވެސް ކައިލް ބުނަން ބޭނުންވާ ވާހަކަ އަޑުއެހުމަށް އަހެދް ބޭނުންވިއެވެ.

މުރުތަސިމް ވަރުބަލި ކަމާއެކު ކޮޓަރީގައި ޖައްސާލަން އައި ވަގުތު މެއިލް އިން ލިބިފައިހުރި ސިޓީތަކު ތެރޭގައި ވަކިން އޮތް ކަރުދާސްކޮޅުން ހިތް ހާސްކުރުވިއެވެ. އެލީޒީ އަނެއްކާ މިގެޔަށް އައީ ބާއެވެ. މުރުތަސިމްގެ އުފަންދުވަހެއްގައި އެލީޒި އެފަދަ ސަޕްރައިޒެއް ދީފައި ވުމުން ހީކުރެވުނީ އެއީ އެލީޒީގެ ލާނެތް އަމަލެއް ކަަމަށެވެ.

ނުނިމޭ