05 Jun 2012, 15:50
ނޭޝަނަލް ޕްލޭނިން ކައުންސިލުން ނިންމައިގެން ކުރީގެ ސަރުކާރުން ރިސޯޓު ހަދަން އެކި ފަރާތްތަކަށް ދޫކުރަން ނިންމާފައި ހުރި ރަށްތައް ދޫނުކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ސަން އޮންލައިނަށް މިއަދު ވިދާޅުވީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) މަޝްރޫގެ ދަށުން ޕްލޭނިން ކައުންސިލުން ނިންމައިގެން ރިސޯޓުތަރައްގީ ކުރުމަށް 60 އަށް ވުރެ ގިނަ ރަށް އެކި ފަރާތްތަކަށް އެވޯޑް ކުރުމަށް ނިންމާފައި ހުރި ކަމަށެވެ. ނަމަވެސް އެ ރަށްތައް އެގޮތަށް ދޫނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލާއި އަދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ވެސް ލަފާދީފައިވާތީ އެ ރަށްތައް ދޫނުކުރަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލި އިރުގައި އެބަހުރި އެވޯޑިން ލެޓާތަކެއް ދީފައި ހުރި ރަށްތަކެއް، އެގްރިމަންޓް ނުކޮށް، ދެން އަޅުގަނޑުމެން މަޝްވަރާ ކުރީ އޭސީސީ އަދި އެޓާނީ ޖެނެރަލާ، މި ހުރި މައްސަލަތައް ބަލަން. އެބޭފުޅުން އަޅުގަނޑުމެންނަށް ލަފާދެއްވީ ބިޑް ނުކޮށް އެ ރަށްތައް ކުއްޔަށްދީ ނުހެދޭނެ ކަމަށް. އެހެންވެ އަޅުގަނޑުމެން އެ ރަށްތައް ދޫނުކުރަން މި ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ ސީއެސްއާރު ކޮމްޕޯނެންޓާ އެކު ރިސޯޓެއް ތަރައްގީ ކުރަން 10 ރަށެއް ދޫކޮށް އެގްރިމަންޓްކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ރަށްތަކާ މެދު އަދި ވަކި ގޮތެއް ނުނިންމޭ ކަމަށާއި އެގްރިމެންޓެއް އޮތުމުން ސަރުކާރުން ވެސް އެގްރިމަންޓަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ވަކިގޮތެއް ނުނިމި މިއޮތީ އެ ރަށްތަކާ ދޭތެރޭ، އެއީ އަޅުގަނޑުމެން އޮނާކުރަން ޖެހޭ އެގްރިމަންޓްތަކެއް އެބަހުރި. އެގްރިމެންޓްތައް ހުރީމާ އަދި އެކަމާ ވަކިގޮތެއް ނުނިމިގެން މިއުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ރަށްތައް ދޫކޮށްފައި ވަނީ 10 ރަށެއްގައި ފެނާއި އަދި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭ ގޮތަށެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވިދާޅުވެފައި ވަނީ ރިސޯޓް ހަދަން ރަށްތައް ދޫކޮށްފައި ހުރީ އެއްވެސް ޕްލޭންއެއް ނެތި ކަމަށެވެ.