05 Jun 2012, 15:42
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނެގި ވޯޓްގެ އެނގިގެންދިޔައީ އަވަސް އިންތިހާބެއް ބާއްވައިފި ނަމަވެސް ފެންނާނެ ނަތީއްޖާ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއި އަމިއްލަ މެންބަރުން ވޯޓާ އެކު، ޖުމްލަ 45، މެންބަރުން ވޯޓް ދެއްވައިގެން ނާކާމިޔާބުކޮށްލި މައްސަލާއާ ގުޅޭ ގޮތުން މަޖިލިސް ކުރާގޭ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ އެމްޑީޕީން "ކުއްލި ކުއްލި"އަސް ކުރަމުންދަނީ މާނައެއް ނެތް ކަންތައްތަކެއް ކަމަށެވެ.
"މިއަދު އެ ނެގި ވޯޓުން ފެނިގެން ދިޔަ ނަތީއްޖާއަކީ އެ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އަވަސް އިންތިހާބެއް ބޭއްވިޔަސް ނުކުންނާނެ ނަތީއްޖާ. އަދި 2013 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވިޔަސް ނުކުންނާނެ ނަތީޖާ. މިދިޔަ ތިން އަހަރު ދުވަހު ތެރޭގައި ދިވެހި ރައްޔިތުންނާ މެދު ކަންތައްކޮށްފައި އޮތް ގޮތުން ދިވެހިރައްޔިތުންގެ ތާއީދެއް އެމްޑީޕީއަކަށް ނެތް،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން ޑީއާރްޕީން އެމްޑީޕީގެ މީހުންގެ ފައިބުޑަށް ދާނެ ކަމަށް ހީކުރިއަށް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުން ޝާހިދު ސަލާމަތްވެވަޑައިގަތުމާ ގުޅިގެން ޑީއާރްޕީންގެ ހަރުގޭގައި މިރޭ ބޮޑިބަތް ކެޔޮމެއް ބާއްވަން ނިންމާފައިވެ އެވެ. އެ ރަސްމިއްޔާތަށް ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކަށާއި މަޖިލީހުގެ މިނިވަން މެންބަރުންނަށް ވެސް ދައުވަތު ދީފައިވެ އެވެ.