އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) ހައްޔަރު ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ފުލުހުން ހާޒިރުވުމަށް އަންގައިފި އެވެ.

މަޖިލީހުގެ މެންބަރުންގެ އިންތިޔާޒާ ބެހޭ ކޮމެޓީން ނިންމާފައި ވަނީ މާދަމާ 2:00އަށް ފުލުހުން ކޮމެޓި އަށް ހާޒިރުވުމަށެވެ. ފުލުހުން ކޮމެޓީ އަށް ހާޒިރު ކުރަނީ މިދިޔަ އަންގާރަ ދުވަހު އުސްފަސްގަނޑަށް ފުލުހުން އެރިއިރު، ބޮޑު ތަކުރުފާނު މަގު ޓްރެކް ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި މަޖިލީހުގެ ރައީސް އަށް އެންގެވުމަކާ ނުލައި އިންތި ހައްޔަރު ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށްގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދު ކުރަންވާނީ މަޖިލީހުގެ ރައީސްއަށް އެންގެވުމަށް ފަހުގަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް ފުލުހުން އެކަން އަންގާފައި ވަނީ އިންތި ހައްޔަރު ކުރުމަށްފަހުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާދަމާ ފުލުހުންގެ ކޮމެޓީ އަށް ހާޒިރުވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީ އަށް ވަޑައިގަންނަވާނީ ފުލުހުންގެ ފަރާތުން ކޮން ބޭފުޅުންނެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.