21 Mar 2024, 13:22
ހަނޯއި (21 މާޗް 2024): ވިއެޓްނާމްގެ ރައީސް ވޫ ވަން ތޫންގް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
ވިއެޓްނާމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ރައީސް ވޫގެ އިސްތިއުފާގެ ސިޓީ އިއްޔެވަނީ އެ ގައުމުގެ ޕާލަމެންޓަށް ހުށަހަޅުއްވައިފައެވެ. މިއާއެކު ރައީސް ވޫ ގެ އިސްތިއުފާއާމެދު ގޮތެއް ނިންމުމަށް ވިއެޓްނާމުގެ ޕާލަމެންޓްގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާނެއެވެ.
މިބައްދަލުވުމުގެ ބޭނުމަކީ ވޫގެ އިސްތިއުފާ ބަލައިގަތުމާ އަދި ނައިބު ރައީސް އެ ގައުމުގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރުމެވެ. ނައިބު ރައީސް މަގާމުގެ ހުވާކުރައްވާނީ އުއްތަމަ ފަނޑިޔާރުގެ ހާޒިރުގައި ޕާލަމެންޓްގެ ރައީސް ގެ ކުރިފުޅުމަތީގައެވެ. ރައީސް ވޫ އިސްތިއުފާ ދެއްވިކަން ވިއެޓްނާމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ރިޕޯޓްތައް ބުނާގޮތުން ރައީސް ވޫ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލަތަކަކާ ގުޅިންނެވެ. ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭ ސުލޫކީ މިންގަނޑުތަކާ ރައީސް ވޫގެ އަމަލުތައް ފުށުއެރުމެވެ.
މީގެތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ރައީސް ވޫ ތަންކޮޅެއް ފަހަތުގައި އުޅުއްވުމާއި ކޮރަޕްޓް ފަރާތްތަކަށް ސިޔާސީ ގޮތުން ބައެއް ދޫތައް ދެއްވުން ހިމެނެއެވެ.
ވިއެޓްނާމް ސަރުކާރުގެ އެތެރޭގައާއި ވެރިކަންކުރާ ކޮމިއުނީސްޓް ޕާޓީގެ ތެރޭގައި ކޮރަޕްޝަން ފެތުރެމުންދާއިރު އެކަމާ ހަނގުރާމަ ކުރުމުގެ ބަދަލުގައި އެކަމަށް ނުސީދާގޮތަށް މަގުފަހިވާގޮތަށް ރައީސް ވޫގެ އަމަލުތައް ހުންނަކަމުގެ ތުހުމަތު ކޮމިއުނިސްޓް ޕާޓީގެ ތެރެއިން އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މިއީ ރައީސް ވޫ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ޚަބަރުތަކުން ހާމަވެއެވެ.
މީގެ އިތުރުން ރައީސް ވޫގެ އަމަލުތައް ހުންނަ ގޮތުން އާންމު ރައްޔިތުންގެ މެދުގައި ކޮމިއުނިސްޓް ޕާޓީއަށް ނަފުރަތު އުފެދުމާއި އެޕާޓީގެ އަގުވެއްޓުންފަދަ ކަންކަން ކުރިމަތިވަމުންދާކަމުގެ ރިޕޯޓްތަކެއް ވެސްވަނީ ފެންމަތިވެފައެވެ.
އުމުރުން 54 އަހަރުގެ ވޫ ވިއެޓްނާމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.