05 Jun 2012, 15:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީ އިން ހުށަހެޅީ އެ ޕާޓީގެ ލީޑާޝިޕަށް ސިޔާސީ ގޮތުން ދިމާވަމުންދާ ބޮޑެތި ނާކާމިޔާބީތަކަކާ ގުޅިގެން މެންބަރުންގެ ސަމާލުކަން އެހެންދިމާ އަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޝާޙިދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފެއްދުން ވެސް އެ މައްސަލަ އެމްޑީޕީން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"އެމްޑީޕީން މި މައްސަލަ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އެމްޑީޕީގެ މިއަދުގެ ލީޑާޝިޕަށް ސިޔާސީ ގޮތުން ދިމާވަމުންދިޔަ ބޮޑެތި ނާކާމިޔާބީތަކަކާ ގުޅިގެން އެމްޑީޕީ މެންބަރުންގެ ސަމާލުކަން އެހެންދިމާ އަކަށް އަނބުރާލުމުގެ ބޭނުމުގައި. ހަމަ އެހެންމެ ޑރ. ވަހީދުގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފައްދައި އޭގެ ސަބަބުން މިއަދު މިއޮތް ސަރުކާރު ދެން އަންނަ ރިޔާސީ އިންތިހާބާ ހަމައަށް ދެމެހެއްޓުމަށް ޕާޓީތަކުންދޭ ތާއީދަށް ބަދަލެއް އައިސް އޭގެ ސަބަބުން އެމްޑީޕީ އަށް ކޮންމެސް ކަހަލަ ސިޔާސީ މަންފާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައި،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް އެފަދަ ހުށަހެޅުމަކުން، މިހާރު މިއޮތް ސަރުކާރު ދެމެހެއްޓުމަށް މަސައްކަތްކުރަމުންގެންދާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފެދިގެންދާ ގޮތަކަށް އެ ޕާޓީތަކުން އަމަލެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން "އެމްޑީޕީގެ އެ ހުށަހެޅުމަކީ ވެސް އެމްޑީޕީގެ ލީޑާޝިޕުން އިސްނަގައިގެން އަނެއްކާ ވެސް ސިޔާސީގޮތުން އެޅުނު ވަރަށްކަތި ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އޭގެ ސަބަބުން އެމްޑީޕީގެ ހަގީގީކުލަ ރައްޔިތުންނަށް އެނގިގެން ގޮސް އެމްޑީޕީގެ ސައިޒު ދޭހަވެގެންދާނެ،" ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޝާޙިދު މަޖިލީހުގެ ރައީސްކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ވަރަށް ހިކުމަތްތެރިކަމާއި އިންސާފާ އެކީގައި ކަމަށެވެ.