05 Jun 2012, 14:37
އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ އުސްފަސްގަނޑު ރޫޅާނުލުމުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް އަމުރުކުރީ ފުލުހުން އުސްފަސްގަނޑު ރޫޅާލުމުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމެންދެން އެތަން ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމެންދެން އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ ގާޒީއަށް ލިބިގެންވާ ބާރުގެ ދަށުން ނެރެފައިވާ އަމުރެއްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީއަތް ނިމުމުގެ ކުރިން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ގާޒީއަށް ފެނިވަޑައިގެންފި ހިނދެއްގައި ވަގުތީ އަމުރު ނެރުމުގެ ބާރު ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ގާޒީއަށް ލިބިގެންވާކަމަށެވެ.
ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ މިދިޔަ ބުދަ ދުވަހުގެރޭ ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ އުސްފަސްގަނޑު މައްސަލައިގައި އެމްޑީޕީން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލައިފި ނަމަ އެމްޑީޕީގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އެޕާޓީއަށް ލިބިދާނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާކަމަށް ވެސް އެ އަމުރުގައި ވެއެވެ.