05 Jun 2012, 14:35
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހު އަތުލައިގަތް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ހއ. ދިއްދޫ، އަލިމަސްވިލާ ޢަދުނާން މޫސާ 55އ. އާއި ހ. އޯލްވޭޒްހެޕީހައުސް އަހްމަދު ރަޝީދު 43އ. އާއި އަދި ށ. ކޮމަންޑޫ، ސިތުރާ ހަސަން ސާބިރު 26، އެވެ. ޢަދުނާނު މޫސާ އަކީ ބޯޓުދަތުރުކުރަން އުޅޭ މީހެކެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި އެމީހުންގެ އަތުން ފުލުހުން އަތުލައި ގެންފައި ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފަހުރި ފިލްމުހުސްކުރި 12 ދަޅާއި ކެނަބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 484.5000 ގްރާމް ބަރު ކޮތަޅެކެވެ. އަދި ކެނަބިސް އަޅާފައި ހުރިކަމަށް ބެލެވޭ ފިލްމު ހުސްކުރި 26 ދަޅު ފެނިފައިވާއިރު އޭގެ ބަރުދަނުގައި 645.1323 ގްރާމް ހުއްޓެވެ.