ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ހިމެނޭ ތިން ވަނަ ރަށް ކަމަށްވާ ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑަށް، ޖަރުމަނުގައި އޮތް އައިޓީބީ ބާލިން ފެއާގައި ޓުއި ގްލޯބަލް ހޮޓެލް އެވޯޑް ލިބިއްޖެއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޓްރެވެލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިން ފެއާ މިމަހުގެ ފަހެއްގައި ފެށުމުގެ ކުރިން، ޓުއި ގްރޫޕްއިން ވަނީ ހޮޓެލްތަކުގެ ޚިދުމަތްތައް ފާހަގަކޮށް، ޓުއި ހޮޓެލް އެވޯޑްސް ބާއްވައިފައެވެ.

އެ ހަފުލާގައި ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑަށް ލިބިފައިވަނީ، ޓުއި ގްލޯބަލް އެވޯޑް ފޯ ބެސްޓް ހޮޓެލް - ލޯންގް ހޯލް އެވެ.

ސަން ސިޔާމް ރިޒޯޓްސްގެ ސީއީއޯ ދީޕަކް ބޫނިއާޑީ ވަނީ، އެ އެވޯޑް ހޯދައިދިން މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކާމިޔާބީއެއް ލިބުނީ، މެހެމާނުން ހިތްހަމަޖެއްސުމަށް ޓަކައި އެންމެން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަން ސިޔާމް އޮޅުވެއްޔާއި ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑުން އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ މެހެމާނުންނަށް، އަދި އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ދަމަހައްޓައި، އިތުރު ކާމިޔާބީތައް ހޯދުމަށް ޓަކައި މަސައްކަތްކުރާނަން،" ބޫނިއާޑީ ވިދާޅުވިއެވެ.

ޓުއި ގްރޫޕްގެ ދަށުން ހިންގާ 13،000 ހޮޓެލްގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ޓުއި ހޮޓެލް އެވޯޑްސް ދެނީ އެ ގުރޫޕުގެ 19 މިލިއަން ގެސްޓުންގެ ޚިޔާލު ހޯދައި، ނަގާ ވޯޓުންނެވެ.

ޓުއި ބްލޫއިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިޒޯޓު ކަމަށްވާ ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑްއިން ޚިދުމަތް ދޭން ފެށީ ނޮވެމްބަރު 1، 2022ގައެވެ. އެ ރިޒޯޓު އޮންނަނީ ސަން ސިޔާމް އޮޅުވެލީގައި ހިމެނޭ ދެ ރަށާ ބުރިޖުން ގުޅުވައިލައިފައެވެ.

ސޯޅަ އަހަރުން މަތީގެ މެހެމާނުންނަށް ޚާއްޞަ އެ ރިޒޯޓުގައި 111 ބީޗް އަދި ވޯޓާ ވިލާ ހިމެނެއެވެ.