05 Jun 2012, 13:55
ޖުމުހޫރީ ޕާޓީގައި އަލަށް އުފައްދާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
ޖުމުހޫރީ ޕާޓިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓިގެ ގައުމީ ހިންގާ ކޮމިޓީ އިން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވާ މަގާމުތައް ކަމަށްވާ، ޕާޓީގެ ރައީސާއި ނާއިބު ރައީސާއި އަމީން އާންމާއި ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ޝައުގުވެރިވާ، އެ ޕާޓީގެ މެންބަރުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
"..މި އިންތިހާބުތަކުގައި ޖުމުހޫރީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ބައިވެރިވެވޭނެ. އިންތިހާބުތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށް ފަހު 10 ޖޫން ވަނަ ދުވަހު މި ޕާޓީ އަށް ފޮނުވުން އެދެން،" ބަޔާނުގައިވެ އެވެ.
ޖުމުހޫރީ ޕާޓީން ބުނެފައި ވަނީ އެ ޕާޓީގެ މަގާމުތަކަށް ވާދަކުރާ ފަރާތްތައް އިންތިހާބު ކުރާނީ ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ.
ޖުމުހޫރީ ޕާޓީގެ މަގާމުތަކެއް އަލަށް އިތުރު ކުރި އިރު، އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހިމް ދީދީ އާއި ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ އާއި ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އަލްހާން ޖުމުހޫރީ ޕާޓީގެ މިހާރު އިއުލާނުކޮށްފައިވާ އެއްވެސް މަގާމަކަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ޑީޑީ އާއި ޝާހު މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅެއްނުވެ އެވެ.
ޖުމުހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޑީޑީ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ޖުމުހޫރީ ޕާޓީން ބުނެފައި ވަނީ އެ ޕާޓީގައި ރައީސަކާއި ނައިބު ރައީސަކު ހުރި ނަމަވެސް އެ ޕާޓިގެ ލީޑަރުކަމުގައި ގާސިމް އިބުރާހިމް ހުންނަވާނެ ކަމަށެވެ.