މ. ދިއްގަރަކީ ފުލުހުން ތިބޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި ދިއްގަރުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޓޭޝަން ހުޅުވައިދެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ކަމަށެވެ.

ދިއްގަރުގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ އެ ރަށު ރައްޔިތުންގެ ޚަރަދުގައި ހުޅުވި ސްޓޭޝަނެކެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ދިއްގަރު ރައްޔިތުން ދައްކުވައިދިނީ ތަނެއް ބިނާކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށާއި އަދި އެކަން އަލުން އިއާދަވާން ޖެހޭނެ ކަމަށެވެ. ޤައުމުގައި ހިނގާ ކަންތައްތައް ހުއްޓުވުމަށް ޓަކައި މަސައްކަތް ކުރުމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ ވަކި ބޭފުޅެއްގެ ޒިންމާއެއް ނޫން ކަމަށާއި އެފަދަ ކަންކަން ހުއްޓުވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރިޔާޒް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ތަމްރީން ލިބިފައި ތިބި ޤާބިލް ފުލުހުން ނެރެދެއްވާނެ ކަމަށާއި ދިއްގަރު ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅިގެން އެ ރަށުގައި ފުލުހުންގެ ހިދުމަތް ފުޅާކުރައްވައި ތަމްރީން ލިބިފައި ތިބި ފުލުހުން ނެރެދެއްވާނެ ކަމަށެވެ. އަދި ވަޒީފާ ނެތި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ދާ ކަމަށާއި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ފުރިހަމަކުރި 12 ޒުވާނަކު ފުލުހުންގެ ހިދުމަތާއި ގުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ދިއްގަރުގައި ހުޅުވި ސްޓޭޝަންގެ ސަބަބުން ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ. ނަމެވެސް ހުރިހާ އެންމެން ފުލުހުންގެ ހިދުމަތާ ގުޅުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި ގައުމުގައި ތަފާތު ދާއިރާތައް ހުރިކަން ވެސް ކަމިޝަނާގެ ވާހަކައި އަލިއަޅުއްވާލެއްވި ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެގެ ދިއްގަރުގައި އޮތް ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ ރައީސް އާއި މެމްބަރުންނާއި މ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި ދިއްގަރުގެ އްޔިތުންނާއި ފުލުހުން ބައިވެރިވެފައިވެ އެވެ.

ފެބްރުއަރީ އަށެއްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އަތޮޅުތަކުގެ ބައެއް ފުލުސް ސްޓޭޝަންތަކުގައި ހުޅުޖަހައި ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.