ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ރޭގަނޑުގެ ގިނަ ވަގުތު ރޭ އަޅުކަމުގައި ގިނަ ބަޔަކު ހޭދަކުރާ މައްސަރެކެވެ. އާއްމު ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަލައިލިކަމުގައި ވިޔަސް އާދައިގެ މަސްތަކުގައި ވެސް ގިނަ ބަޔަކަށް އަށް ގަޑިއިރުގެ ނިދި ހަށިގަނޑަށް ހޯދައިދިނުމަކީ ފަސޭހަ ކަމަކަށް ނުވާއިރު ރަމަޟާން މަހު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދައިދިނުމުގައި ދަތިތަކަކާ ދިމާވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެހެން މަސްތަކާ ޚިލާފަށް ރޯދަ މަހު ރޯދައަށް ތިބޭ މީހުން ނިދާ މިންވަރު އާދައިގެ އެހެން މަސްތަކާ އަޅައިބަލާއިރު މަދުވެފައި ނިދުމުގެ ވަގުތުތަކަށް ބޮޑު ބަދަލެއް އާދެއެވެ. އޭގެ ސަބަބުން ސިކުނޑިއަށް އަރާމެއް ނުލިބި އާ ދުވަހަކާ ބައްދަލުކުރާއިރު ތިމާ މީހާ ހުންނަނީ މުޅީން މާޔޫސްވެ ކަންނެތްކަން އިހުސާސްވެފައެވެ.

ރަމަޟާން މަހު އިރުއިރުކޮޅާ ހޭލަން ޖެހޭ ޖެހުމުން ނިދީގެ ބުރަށް އޭގެ އަސަރު ކުރުމަކީ ވެސް މިކަން މެދުވެރިވާ އެއް ސަބަބެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދުމަކީ ސިއްހީ ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބި ކުރިއަށް އޮތް ދުވަހުގެ މަސައްކަތްތައް އުފެއްދުންތެރިކޮށް މީހާ ކަންނެތް ކަމުން ދުރުކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން، ފުރިހަމަ ނިދި ލިބުމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމުގައި ވެސް އެންމެ މުހިއްމު ރޯލެއް ކުޅޭ އެއް އާދައެކެވެ.

ރަމަޟާން މަހު ހަމަ ނިދި ނުލިބޭ ނަމަ ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވޭ -- ފޮޓޯ/ ސްލީޕްރިސާޗްފައުންޑޭޝަން
ރަމަޟާން މަހަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދުމަށް އުނދަގޫ މައްސަރެއް ނަމަވެސް އެކަން ލުއި ފަސޭހަ ގޮތަކަށް ކުރުމުގެ ގޮތުގައި ތިރީގައި މި ދަންނަވާ ކަންކަމަށް ސަމާލުކަން ދީފިނިމަ އެއީ ފަސޭހަ ކަމެކެވެ.

  • ރަމަޟާން މަހު ނިދަން ބޭނުންވާ ވަގުތުތައް ކަނޑައަޅައި އެ ކަމަށް ހާއްސަ ތާވަލެއް ތައްޔާރުކޮށް އެއަށް ޢަމަލުކުރުން އާދައަކަށް ހެދުން

  • ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުކޮށްދިނުން. ހާއްސަކޮށް ނިދާ ވަގުތު ކައިރިކޮށް ކޮފީ އަދި ސައި ފަދަ ބުއިންތައް ބޭނުންކުރާ މިންވަރު މަދުކުރުން.
  • ރޯދަ ވީއްލާ ވަގުތު އެއްފަހަރާ މާ ގިނައިން ނުކެއުން
  • ނިދަން ކަނޑައަޅާފައިވާ ވަގުތާ ކައިރިކޮށް މާ ބޮޑަށް ހެލިފެލިވެ އުޅެވޭ ކަހަލަ މަސައްކަތް ނުކުރުން
  • ނިދާ ކޮޓަރީގެ މާހައުލަކީ ސިކުނޑިއަށް ހިތްހަމަޖެހުން ގެނެސްދޭނެ ފަދަ މާހައުލަކަށް ހެދުން. މިސާލަކަށް: ކޮޓަރި މާ އަލިގަދަކޮށް ނުބެހެއްޓުން އަދި ނިދާ ކޮޓަރި އަކީ ބޭކާރު އަޑުތަކާ ދުރުތަނަކަށް ހެދުން.

ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލުމަކީ ވެސް ހަށިގަނޑަށް ތާޒާކަން ގެނެސްދީ ސިކުނޑިއަށް އަރާމުކަމެއް ލިބި ފަސޭހައިން ނިދާލުމަށް ކުރެވިދާނެ ކަމެކެވެ.