05 Jun 2012, 13:12
ރާއްޖޭގެ ތިން ނޫސްވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާ އިން ތަމްރީނު ހޯދުމުގެ ފުރުސަތު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) ހޯދައިދީފި އެވެ.
ނޫސްވެރިކަމުގެ ދާއިރާ އިން އެމްޖޭއޭ އިން ހޯދައިދިން ތިން ފުރުސަތަކީ އޭޝިއަން ކޮލަޖު އޮފް ޖާނަލިޒަމް އިން ހިންގާ ޖާނަލިޒަމް ކޯހުގެ ފުރުސަތަކާއި ވޯލްޑް ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ދެ ފުރުސަތެވެ.
އޭޝިއާ ސަރަހައްދުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ މަޝްހޫރު ކޮލެޖެއް ކަމަށްވާ އޭޝިއަން ކޮލެޖު އޮފް ޖާނަލިޒަމް ހިންގާ ޖާނަލިޒަމް ކޯހަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ ކޯހަށް ރާއްޖެ އިން ހޮވިފައި ވަނީ ރާއްޖެ ޓީވީގެ ޖާނަލިސްޓު މަރިޔަމް ޝާނީޒާ އެވެ. އެ ކޯސް އޮންނަނީ އަންނަ ޖުލައި މަހުން ފެށިގެން އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ.
ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން މިމަހުގެ 12 އިން 14 އަށް، ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އޮންނަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައި ވަނީ ހަވީރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ހުސައިން ފިޔާޒު މޫސާ އާއި ސަން މީޑިއާ ގްރޫޕްގެ އެސިސްޓެންޓް އެޑިޓަރު- ނިއުސް އަހުމަދު ނާއިފަށެވެ.
"މި ފުރުސަތުގެ ބޭނުން އެފަރާތަކުން ކުރާޢިރު، ރާއްޖެ އަށް ރީތި ނަން ލީބޭ ގޮތަށް މަސައްކަތް ކުރާނެ ކަމަށް މި ޖަމިއްޔާ އިން އުންމީދު ކަރަމެވެ،" އެމްޖޭގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.