14 Aug 2010, 09:48
14:48
ބުރާސްފަތި ދުވަހުން ފެށިގެން ބާޒާރުގައި ސްޓޮކު މަދުވެފައި ވަނީ ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުން މުދާ ނުބޭލިގެން ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ މިއަދު ވިދާޅުވީ އެސްޓީއޯ އިން އާއްމުކޮށް ގެންނަ ކާބޯތަކެތީގެ ތެރެއިން ފިޔާ، އަލުވި މިދުވަސްކޮޅު ތަންކޮޅެއް މަދުވެފައިވާ ކަމަށެވެ. އަދި އެއީ ބޯޓުން އަދި މުދާ ނުބޭލިގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މޫސުން ރަނގަޅުވުމުން މިއަދުގެ ވަގުތެއްގައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ވިއްސާރަވެ، މޫސުން ގޯސްނުވާނަމަ މިރޯދަ މަހު ކާބޯތަކެތީގެ އަގު ބޮޑުވެގެން ނުދާނެ ކަމަށެވެ. އަދި މިހާރު ތިން ވަނަ ޝިޕްމަންޓް އޮތީ މާލޭގައި ކަމަށާއި އިތުރު ދެ ޝިޕް މެންޓް މިހާރު އޮތީ ލައިން އަޕް ގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގަށް ބަދަލެއް ނާންނަ ކަމުގައި ވަނީނަމަ މިހާރު ހުރި އަގުގައި ތެލުގެ އަގު ވެސް ހިފަހައްޓާނެ ކަމަށެވެ.