06 Mar 2010, 10:04
ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކުން ހިންގުމުގެ ނިޒާމަކީ، ވަރަށް ބޮޑަށް ވިސްނާވަޑައިގެން، ވަރަށް ބޮޑަށް ދިރާސާ ކުރައްވައިގެން އެކުލަވާލައްވާފައިވާ އަދި ރައްޔިތުންނަށް ފައިދާހުރި ނިޒާމެއް ކަމަށް ސަރުކާރުން ދެކޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކުން ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީ ކުންފުނިތައް ހަރަކާތްތެރި ވަމުންދާ ރަށްރަށުގައި، ކަރަންޓް ދިނުމުގެ ކަންތައްތައް ކުރިއާ އަޅާބަލާއިރު ހިނގަމުންދާލެއް ކިތަންމެ ތަނަކުން ރަނގަޅުކަން މިއަހަރު އެމަނިކުފާނު ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބައެއް ރަށްރަށުގައި ޔުޓިލިޓީ ކުންފުންޏާ އިންޖީނުގެ ހަވާލު ނުކުރުމަށް ބައެއް ބޭފުޅުން ގަދައަޅައި މަސައްކަތް ކުރަމުން އެބަގެންދަވާ ކަމަށާއި، އެގޮތަށް މަސައްކަތް ކުރާއިރު، އެ ރަށްރަށުގެ އިންޖީނުގެތައް ހިންގުމާއި، އިންޖީނުގެތައް ހުރި ހާލަތު ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި މާދަމާ އިންޖީނެއް ހަލާކުވިޔަސް، އިންޖީނެއް ގެނެވޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، އިންޖީނު މަރާމާތު ކުރުމަށްވެސް ރަށުގައި އެ ލިބެންހުރި މިންވަރަށްވުރެ އިތުރު ގޮތެއް ނެތް ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނިތަކުން އިންޖީނުގެ ހިންގާއިރު، އިންޖީނުގެތައް މާބޮޑަށް، މާރަނގަޅަށް ބެލެހެއްޓޭނެ ކަމަށާއި، މިޒަމާނުގެ ތަރައްޤީއާ ދިމާއަށް އަޅުގަނޑުމެންނަށް ދެވެން އޮތީ، ޔުޓިލިޓީ ކުންފުނިތަކާ އިންޖީނުގެތައް ހަވާލުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރަށެއްގެ ގޮނޑުދޮށާ ހިސާބުން އެރަށެއް ހުއްޓޭގޮތަށް، ނިމޭގޮތަށް އަޅުގަނޑުމެން ވިސްނައިގެން ކަންކަން ކުރަމުން ގެންގޮސްފިނަމަ، އަޅުގަނޑުމެން މި އެދޭ ތަރައްގީ އާއި ކުރިއެރުން ހޯދުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.
ރައީސްގެ ރޭޑިޔޯ ޚިތާބުގައި، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދްމަތް ދިނުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އެގޮތުން ރަނގަޅު ފެންވަރެއްގައި ސިއްހީ ޚިދްމަތް ލިބުމަކީ، ރަށްރަށުގެ ރައްޔިތުން ވަރަށްބޮޑު އަހައްމިއްޔަތުކަންދޭ ކަމެއް ކަމަށާއި، ޚާއްސަކޮށް، ކުދި ރަށްރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ، އެކަމާ އެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ ޚިދްމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އިންތިޒާމު ކުރައްވަމުން ގެންދަވާ ނިޒާމަކީ، ދަތުރުފަތުރުގެ ނިޒާމު ކަމަށާއި، މި ނިޒާމުން އަތޮޅުތަކަށް ޚިދްމަތް ފޯރުވައިދެވުނީމާ، ކައިރިން ޚިދްމަތްދޭ ހެލްތު ސެންޓަރުތަކަށް ފަސޭހަކަމާ އެކު ރައްޔިތުންނަށް އައިސް ގޮސް އުޅެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމައެއާއެކު، ކުދި ރަށްރަށުގެ ހެލްތު ސެންޓަރުތައް ވެސް މިހާރަށް ވުރެ ބޮޑަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނުހަނު މަސައްކަތް ކުރައްވާނެ ކަމަށާއި، އެއީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި، އެމަނިކުފާނު ،އަންނަ އާދީއްތަ ދުވަހު ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވައި ވާހަކަ ފުޅުދެއްކެވި އެވެ.