ތިމާވެއްޓާ ރައްޓެހި އުސޫލުތައް ގެންގުޅޭ ފަރާތްތައް ފާހަގަ ކުރުމުގެ ގޮތުން "ގްރީން އައިލޭންޑް ޗެލެންޖު" (އެންމެ ފެހި ރަށް) ހޮވުމުގެ މުބާރާތަކާއި "ގޯތިގެދޮރު ފެހި ކުރުމުގެ މުބާރާތެއް" ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފައްޓަވައި ދެއްވުމަށް ވިލިމާލޭގައި މިއަދު ހެނދު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ތިމާވެއްޓާ ގުޅުން ހުރި މުބާރާތްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމެވީ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ޝާމިލްވުން އިތުރުކުރުމަށް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ އުފާތައް ގެންގުޅޭ ރަށްތައް ފާހަގަކޮށް ގްރީން އައިލޭންޑް ޗެލެންޖު މުބާރާތެއް ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަރަށް އުފަލާ އެކު ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވީ ގްރީން އައިލޭންޑް މުބާރާތުގެ ދަށުން ހޮވާނީ އެންމެ ފެހި ރަށް ނުވަތަ އެންމެ ތިމާވެއްޓާއި ރަށްޓެހި ކަމަށް ފާހަގަކުރެވޭ ރަށެއް ކަމަށެކެވެ. އަދި "ގޯތިގެދޮރު ފެހި ކުރުމުގެ މުބާރާތު" ދަށުން އެންމެ ރަނގަޅު ހޯމް ގާޑަން އެންމެ ރަނގަޅު ބެލްކަނީ ގާޑަން އަދި ކިޗަންގާޑަން، ހައްދާ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

މީގެ އިތުރުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރާ ފާރާތްތައް ފާހަގަކޮށް، އެކަން ފާހަގަ ކުރުމުގެ ގޮތުން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނިނައްތާލުމަށް ބާރު އެޅުމުގެ ގޮތުން ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަކަށް ކުނި ނައްތާލާ ރަށެއް ހޮވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މުބާރާތްތަކު ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އެވެ.

ތިމާވެށި ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު މިއަދު ވަނީ އިއާދަކުރުވަނި ގޮތެއްގައި ކަރަންޓް ހަރަދު ކުޑަ ކުރެވޭނެ ގޮތް ދައްކާދިނުމަށް މުހިއްބުއްދީން ސުކޫލުގައި ތައްޔާރުކޮށްފައިވާ މައުރަޒެއް ހުޅުވައި ދެއްވާފަ އެވެ.