05 Jun 2012, 12:50
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖެ އަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތައް ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނައުމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވި ހިތާބެއްގައި ވިދާޅުވީ މި މަހު 20 އިން 22 އަށް ބްރެޒީލްގެ ރިއޯ-ޑި ޖިނެއިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ސަސްޓޭނަބްލް ޑިވެލޮޕްމަންޓް (ރިއޯ ޕުލަސް20)ގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އަދި އެ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތަފާތު މައްސަލަތައް، ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނެސް، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވީ ހަކަތަ އުފެއްދުމަށް ކުރެވޭ ބޮޑު ހޭދައާ ދޭތެރޭގައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ އާއި ވަސީލަތްތަކަށް ކުރިއެރުން ހޯދައިދިނުމަކީ ވެސް ސަރުކާރުގެ މުހިންމު އަމާޒެއްކަމަށާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަކި ޚާއްޞަ ވުޒާރާއެއް ޤާއިމް ކުރުމަށް ނިންމީ، އެހެންވެގެން ކަމަށެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ ފެހި އިޤްތިޞާދު: ތިބާ ޝާމިލްވޭތޯ؟ ޝިއާރުގެ ސަބަބުން އިޤްތިޞާދީ ރޮނގުން ހަލުވިމިނެއްގައި އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ އިރު، ތިމާވެށްޓަށް ދޭން ޖެހޭ ސަމާލުކަން، މި ޝިޢާރުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެއެވެ".
އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެކްނޯލޮޖީގެ ދާއިރާގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކަށް ބަލާ އިރު ތިމާވެށްޓާ ރައްޓެހި އުފެއްދުންތައް އިތުރުކުރުމަށް ޤައުމުތަކުން ދޭން ޖެހޭ އަހަންމިއްޔަތު ވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ.