ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައި، ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ފައްޓަވައިފިއެވެ.

މި ކެމްޕެއިންގައި ބުރާސްފައްޗާއި ހުކުރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 02:00 އިން 03:00އަށް ރައީސް ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ. މި ކެމްޕެއިން ކުރިއަށް ގެންދާނީ އަންނަ މަހުގެ އަށްވަނަ ދުވަހާ ހަމައަށެވެ.

ދޮރުން ދޮރަށް ކެމްޕެއިނުގައި މިއަދު ރައީސް ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން، ސޯސަން މަގަށް އަދި އަބަދަށް އުފާ މަގާއި ރޯޝަނީ މަގުގައި ހުރި ގެތަކަށް ރައީސް ވަޑައިގަތެވެ.

ރައީސް ޑޜ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުންދޮރަށް ކެމްޕެއިން ކުރައްވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސް ވަނީ، ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން ރާއްޖޭގެ ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ. ނަމަވެސް، ރަމަޟާންމަހާ ގުޅިގެން ރައީސް އެ ދަތުރުތައް މެދުކަނޑައިލެއްވީއެވެ.

ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މަޖިލީސް އިންތިޚާބަށް 89 ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރާއިރު އިދިކޮޅު އެމްޑީޕީގެ ފަރާތުން 90 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ މީގެ ކުރިން ބުނެފައެވެ.

އީސީން ބުނީ، ޑިމޮކްރެޓްސްއިން 39 ކެންޑިޑޭޓުން ވާދަކުރާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން 10 ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީއާއި އެމްޑީއޭގެ ފަރާތުން ހަތަރު ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ.