އައްޑޫ ސިޓީގެ ހިތަދޫ ގައުކެނޑި ސަރަހައްދުގައި ޗެކްޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ހިތަދޫގެ ކުރީގެ ކައުންސިލަރު އެ ރަށު އަސަރީގޭ، މުހައްމަދު ޝާމިން އަލީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ޖާނާއިޒު ފައިދާއެއް ހޯދައިދިފައިވާކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ހިތަދޫ ގައުކެނޑި ސަރަހައްދުގައި ޗެކްޕޯސްޓެއް އިމާރާތްކުރުމަށް އެ ރަށު ކުރީގެ ރަށްކުރިއަރުވާ ކޮމެޓީގައި މަޝްވަރާކޮށްގެން ހިތަދޫ ރައްޔިތުންގެ އެކައުންޓުން ފައިސާ ނެގުމަށް ފަހު އެ މަސައްކަތް ނުކުރުމަށް ފަހުން އެކޮމެޓީން ނިންމައި އަނބުރާ އެ ފައިސާ ރައްޔިތުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ ރައްކުރިއަރުވާ ކޮމެޓީން އެގޮތަށް ނިންމާފައި ވަނިކޮށް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އެ މަސައްކަތް އަލުން ކުރުމަށް ފައިސާ ހޯދަން ލިޔެ އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ވަނީ ހިތަދޫ ކުރީގެ ކައުންސިލަރު ޝާމިން ކަމަށް އެ ކޮމިޝަންގެ ތަހުގީގުން އެނގޭ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ހިތަދޫ ރައްޔިތުންގެ 189،393.75ރ. ޚަރަދުކޮށްގެން އިމާރާތްކުރި ޗެކްޕޯސްޓްގެ ނަފާ ރައްޔިތުންނަށް ނުލިބި މިހާރު އެތަން ހަލާކުވެފައިވުމުން އެ ފައިސާ ޚަރަދުކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫން ކަމަށް ބެލެވޭ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ނެވެ.