ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީގޮތް ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު އުފައްދަވާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ކޮމަން ވެލްތާއި ދިވެހި ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު އެކޮމިޝަނަށް ސަރުކާރުން އައްޔަންކޮށްފައިވާ ތިން މެމްބަރުންގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން މަންދޫބަކާއި ބޭރުގެ ރިޓާޔާޑް ފަނޑިޔާރެއް ކޮމިޝަނަށް އައްޔަން ކުރުމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ނަންފުޅާ މެދު ދިވެހި ސަރުކާރުން އެއްބަސްވާ ކަމަށް ރައީސް ވަހީދު އިއްޔެ އިނގިރޭސި ވިލާތަށް ވަޑައިގެންނުވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އަދި ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅާ މެދު ވެސް ބައެއް ކަންކަން އެބަހުރި ކަމަށާއި ނަމަވެސް އެ ފަރާތަކީ ސަރުކާރަށް ބަލައިގަނެވޭ ފަރާތެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި އެބޭފުޅާއާ އެކު ކުރިޔަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އަށް ކުރީގެ ރައީސް ނަޝީދު ހުށައަޅުއްވާފައި ވަނީ ތައުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މ. ގަހާ ސައީދުކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އަދި އެކަން ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރައްވަ އެވެ.

ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުމުގެ މައްސަލައިގާ އެއްބަސްވުމަކަށް އާދެވިފައި ވާތީ ކޮމަންވެލްތުން އެކަމާ އުފާކުރައްވާ ކަމަށެވެ.

ކޮމަން ވެލްތުގެ އެ ބަޔާނުގައި ބުނެފައި ވަނީ މޭ މަހުގެ 15 ވަނަ ދުވަހު ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ކޮމަންވެލްތުން ހަމަޖައްސާފައިވާ ސިންގަޕޫރުގެ ރިޓަޔާޑް ސީނިއަ ޖަޖް ކޮމިޝަންގެ ކޯ ޗެއާ ކުރާނެ ކަމަށާއި ކޮމަންވެލްތާއި އދ.ގެ މާހިރުން ވެސް ފޮނުވާނެ ކަމަށް ވެސް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ ކޮމިޝަނުގެ ޓާމްސް އޮފް ރިފަރެންސާއި އެކުލެވުން ބަދަލުކުރުމުން ފުޅާދާއިރާއެއްގައި ގަބޫލުކުރެވޭ ކޮމިޝަނަކަށް އެކޮމިޝަން ވެގެންދާނެ ކަމަށް ސާ މެކެނަން އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ އިންކުއަރީ ކޮމިޝަނުގައި މަސައްކަތްކުރައްވާ ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު މިހަފްތާގެ ތެރޭގައި މާލެ ވަޑައިގެންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފޫޅެއް ކަމަށް އައްބާސް ވިދާޅެއްނުވެ އެވެ. އޭނާ ވިދާޅުވީ މިއަންނަ ހަފުތާގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތް ފެއްޓޭނެ ކަމަށެވެ.

އިންކުއަރީ ކޮމިޝަނުގެ ޗެއާއަކަށް ސަރުކާރުން އައްޔަން ކުރައްވާފައިވާ އިސްމާއިލް ސަފީއު އެމަގާމުން އިސްތިއުފާ ދެއވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް ރައީސް ވަހީދު ވިދާޅުވީ ކޮމިޝަނުގެ ޗެއާއަކަށް ސަރުކާރުން ކަނޑައަޅާފައިވާ އިސްމާއިލް ޝަފީއުއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އެބޭފުޅާ އެ މަގާމުން ދުރު ނުކުރައްވާނެ ކަމަށެވެ.