ނިމިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ލަފާދިނުމަށް މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވުމަށް ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާން، އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހައުސިން މިނިސްޓްރީން އެކުލަވާލި ކޮމިޓީއާ ގުޅިގެން އެމްޑީޕީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

އީސަ ވިދާޅުވީ ހައުސިން މިނިސްޓްރީން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކުގައި ލަފާދޭ ކޮމިޓީއެއް އެކުލަވާލާފައިވަނީ މާލެ ސިޓީ ކައުންސިލާއި، ކައުންސިލްގެ މޭޔަރާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.

"މިއީ ވަރަށް ބޮޑު އޮޅުވާލުމެއް، ސިޔާސީ ރޭވުމެއް، ނިކަމެތި ވަރަށް ގިނަ ރައްޔުިތުން ތަކެއްގެ ހައްގުތައް ނިގުޅައިގަތުމަށް ހިންގަމުންދާ ބޮޑު ޖަރީމާއެއް" ކަމަށް އީސަ ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރެއްވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ފްލެޓުތައް ބަހައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއީ ތަހުޒީބީ މުޖުތަމައުތަކުގައި އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން އެ ފަދަ ކަމެއް ކުރުމުގެ ފުރުސަތެއް އެމްޑީޕީން ނުދޭނެކަމަށް އީސަ ވިދާޅުވިއެވެ.

"އަދި އެ ކުރައްވާ މަސައްކަތް ހުއްޓުވާ، އެ ހައްގުވާ ފަރާތްތަކަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ޕާޓީން އިސްނަގައިގެން ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެއީ ގާނޫނަކަށް ބަދަލު ގެނެސްގެން ކޮމިޓީގައި ކުރާ މަސައްކަތް ހުއްޓުވުން ކަމުގައި ވިޔަސް، އެކަން ވެސް އަޅުގަނޑުމެން ކުރާނަން،" އީސަ ވިދާޅުވިއެވެ.

ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ލަފާދިނުމަށް ހައުސިން މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލީ މި މަހުގެ 14ވީ ބުރާސްފަތި ދުވަހުގައެވެ.

އެއާ އެކު މާލެ ސިޓީ ކައުންސިލުން ވަނީ ހައުސިން މިނިސްޓްރީން އެކުލަވާލި ލަފާދޭ ކޮމިޓީއަށް ލަފާދިނުމަށް އިތުރު ކޮމިޓީއެއް އެކުލަވާލާފައެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގެ ދެވަނަ ފިޔަވަހީގައި 4000 ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ވަނީ ނިންމާފައެވެ. މި ބައިގައި ގޯތި ދޭނެކަމަށް އިއުލާންކޮށްފައިވަނީ އުތުރު ތިލަފަޅުންނެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި ބައެއް މީހުންނަށް ޕޮއިންޓު ދިނުމުގައި މައްސަލަތައް ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަ ބެލިއެވެ. އޭސީސީން ބުނި ގޮތުގައި އޭގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ކަމަށް ފެނިފައިވަނީ 20 އިންސައްތަ ފޯމުގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ފްލެޓުތައް ދޫކޮށްފައިވަނީ އެ ލިބެންޖެހޭ މީހުންނަށްތޯ އިތުރަށް ޔަގީންކުރުމަށް ޓަކައި، ރައްޔިތުން އިތުބާރުކުރާ ގަދަރުވެރި މީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލާ ލިސްޓުތަކުގެ ސައްހަކަން ކަށަވަރުކުރާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.