05 Jun 2012, 10:15
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.
ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުުމުގެ މައްސަލައިގާ އެއްބަސްވުމަކަށް އާދެވިފައި ވާތީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭސް ޝަރުމާގެ ފަރާތްޕުޅުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކެނަން އުފާކުރައްވާ ކަމަށެވެ.
"ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަމާ މެދު އެންމެ ފަހުން އެއްބަސްވުމަކަށް އާދެވިފައި ވާތީ އަޅުގަނޑު އުފާކުރަން، މިކަމުގައި ދެ ފަރާތުން ވެސް ދެއްކެވި ކެތްތެރި ކަމަށް އަޅުގަނޑު ތައުރީފުކުރަން،" ސާ މެކެނަން ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ކޮމިޝަން ވަރުގަދަ ކުރުމަށް މިދިޔަ ހަފުތާތަކުގައި ސާ މެކެނަން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
މޭ މަހުގެ 15 ވަނަ ދުވަހު ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ކޮމަންވެލްތުން ހަމަޖައްސާފައިވާ ސިންގަޕޫރުގެ ރިޓަޔާޑް ސީނިއަ ޖަޖް ކޮމިޝަންގެ ކޯ ޗެއާ ކުރާނެ ކަމަށާއި ކޮމަންވެލްތާއި އދ.ގެ މާހިރުން ވެސް ފޮނުވާނެ ކަމަށް ވެސް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ ކޮމިޝަނުގެ ޓާމްސް އޮފް ރިފަރެންސާއި އެކުލެވުން ބަދަލުކުރުމުން ފުޅާދާއިރާއެއްގައި ގަބޫލުކުރެވޭ ކޮމިޝަނަކަށް އެކޮމިޝަން ވެގެންދާނެ ކަމަށް ސާ މެކެނަން އުއްމީދުކުރައްވާ ކަމަށެެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އަށް ކުރީގެ ރައީސް ނަޝީދު ހުށައަޅުއްވާފައި ވަނީ ތައުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ގަހާ ސައީދެވެ.